މީސްމީޑިޔާގެ ބޮޑު ޕްލެޓްފޯމް ފޭސްބުކް އިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ އަހަރުވަންދެން ސަސްޕެންޑް ކުރަން މިއަދު ނިންމައިފި އެވެ.

ފޭސްބުކް އަކީ އެމެރިކާގެ މީސްމީޑިޔާ ކުންފުންޏެވެ. އެ ކުންފުނިން ޑްރަމްޕް އާއި މެދު ފިޔަވަޅު އެޅީ މި އަހަރުގެ ޖަނަވަރީ މަހު ޓްރަމްޕް ފޭސްބުކްގެ ގަވާއިދާއި ހިލާފުވެގެންނެވެ.

ފޭސްބުކްގެ ގްލޯބަލް އެފެއާސްގެ ވައިސް ޕްރެޒިޑެންޓް ނިކް ކްލެގް ވިދާޅުވީ ޓްރަމްޕް ފޭސްބުކްގެ ގަވާއިދާއި ހިލާފުވުމުން އޭނާ ސަސްޕެންޑް ކުރަން ނިންމީ ފޭސްބުކްގެ އޯވާސައިޓް ބޯޑުންކަމަށެވެ. މިހާރު ނިންމާފައިވާ ސަސްޕެންޝަނުގެ މުއްދަތު ފަހުން ބެލުމަށްފަހު އިތުރުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްލެގް ވިދާޅުވީ ޓްރަމްޕް އިތުރަށް އެ ކުންފުނީގެ ގަވާއިދާއި ހިލާފުވެއްޖެނަމަ ޓްރަމްޕުގެ ޕޭޖާއި އެކައުންޓުތައް ފޭސްބުކުން އަބަދަށް ސަސްޕެންޑް ކުރާނޭ ކަމަށެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުގައި ފޭސްބުކް އިން އޭނާއާއި މެދު އަޅާފައިވާ ފިޔަވަޅަކީ ޖެއްސުމަށް އަޅާފައިވާ ފިޔަވަކެވެ. އަދި އެއީ 75 މިލިއަން މީހުންނަށް ފޭސްބުކް އިން ކޮށްފައިވާ ޖެއްސުމެއް ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

މިއީ ގައުމެއްގެ ސިޔާސީ ލީޑަރަކާއިމެދު ފޭސްބުކް އިން މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ. ނަމަވެސް ފޭސްބުކް އިން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި އެހެން ސިޔާސީ ލީޑަރުންނާއި މެދު ވެސް މި ފިޔަވަޅު އަޅަމުން ގެންދާނެއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން 3.45 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރެ އެވެ. ފޭސްބުކް އަކީ އެ ޕްލެޓްފޯން ބޭނުންކުރާ ފަރާތްތަކުގެ މަސްލަހަތައް ބަލާ އަދި ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަމަށް ފިޔަވަޅުވެސް އަޅާ ޕްލެޓްފޯމެކެވެ. އެގޮތުން އެކި ފަރާތްތަކަށް ޕޯސްޓު ނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.