ފިލުމު ''ޤާބިލް'' ގެ ބަތަލާޔައްމި ގޯތަމްއާއި ފިލުމު ''އުރީ: ދަ ސާރޖިކަލް ސްޓްރައިކް'' ގެ ޑައިރެކްޓަރ އާދިތުޔާ ދަރު ކައިވެނި ކޮށްފިއެވެ.

އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް މާބޮޑަށް ހިއްސާ ކުރަން ބޭނުން ނުވާ ޔައްމިގެ މި ކައިވެނި ހަފުލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާއާއި ގާތް މީހުން އެކަންޏެވެ.

މީސް މީޑިޔާގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ މި ދެ ފަންނާނުންގެ ކައިވެނީގެ ރީތި ފޮޓޯތަކަށެވެ. ކައިވެނި ހަފުލާގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ފަހަރަކު ފޮޓޯއެއް ދަނީ މީސް މީޑިޔާގައި ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނުވަމުންނެވެ.

ކައިވެނީގެ ހެދުމުގައި ޔައްމި ފެނިގެންދާ މި ފޮޓޯތަކަށް އޭނާގެ ސަޕޯޓަރުންގެ ތައުރީފުގެ ބަސްތައް ދަނީ އޮހެމުންނެވެ. ޔައްމިގެ ރީތިކަމަށް ތައުރީފުކޮށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ބޮލީވުޑުގެ އެންމެ ރީތި ފަންނާނު ކަމަށެވެ. އަދި ކައިވެނީގެ ހެދުމުގައި އޭނާގެ ފުރިހަމަ ކަމުގެ ވާހަކަ ވެސް އެތައް ބަޔަކު ދައްކާފައިވެއެވެ.

ޔައްމިގެ ރީތިކަމަށް ތައުރީފު ކުރުމުގެ އިތުރުން އޭނާގެ ސާދާ ކައިވެނި ހަފުލާއަށް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އާދައިގެ ގޮތަކަށް ބޭއްވުނު މި ކައިވެނި ހަފުލާ ގިނަ ބަޔަކަށް ކަމުދިޔައީ ޑުރާމާގެ ބައި ކުޑަކަމުން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޔައްމިއާއި އާދިތުޔަ ވަނީ އެމީހުންގެ ކައިވެނިކުރިކަން އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކޮށްފައެވެ. ވިކީ ކޯޝަލް، ދިއާ މިރުޒާ، ބޫމީ ޕަޑްނެކަރ، ކާތިކް އާރްޔާން ފަދަ އެތައް ފަންނާނުންނެއް ވެސް މި ދެމަފިރިންނަށް މަރުހަބާ ކިޔައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު