ސިކުނޑީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ކުޅަދާނަ ތަރި އިރްފާން ހާން ވަރަށް ހާއްސަ އަދި އެހާމެ އަސަރުގަދަ މެސެޖެއް މުޅި ދުނިޔެއަށް ދީފިއެވެ.

ބަލި އެނދުގައި އޮވެ އިރްފާންހާން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ މި ފަދަ ދުވަހެއް އަންނާނެ ކަމަށް އޭނާ ދުވަހަކުވެސް އުންމީދު ނުކުރާ ކަމަށެވެ. އަދި މިއަދު އިންސާނުންނަކީ ބަލިކަށި ބައެއް ކަން އެނގިއްޖެ ކަމަށެވެ.

"މިދުވަސް އަންނާނެ ކަމަކަށް އަހެން އުންމީދެއް ނުކުރަން. އަހަރެންގެ ހާލަތު މިދަނީ ދުވަހަކަށް ވުރެއް ދުވަހެއް ދަށްވަމުން. އަހަރެން އަބަދުވެސް ދުއާ ކުރަން އަހަރެން އަވަހަށް ރަނގަޅުވޭތޯ. އަހަންނަށް މިއަދު އިހްސާސްވޭ އިންސާނުންގެ ބަލިކަށިކަން" އިރްފާން ހާން ބުނެފައިވެއެވެ.

އަދި ދިރިއުޅުމަކީ އޮޔާދާ ކަނދުފަށްޗެއް ފަދަ އެއްޗެއް ކަމަށާއި އޮޔާއި ވައިގައި އެ ކަނދުފަތި ބެހިގެން ނުބައި މިސްރާބަކަށް ދިޔުމުގެ ކުރިން ދިރިއުޅުމުގެ ހުންގާނުގައި ހިފައި ކާމިޔާބީގެ މަންޒިލަށް ވާސިލް ވުމަކީ މުހިންމު ކަމެއް ކަމުގައިވެސް އިރްފާން ހާން ވަނީ ބުނެފައެވެ.

އަދި މިވަގުތު އޭނާ ހަމައެެކަނި ކަންބޮޑުވަނީ އަމިއްލަ ހާލަތާއި މެދުގައި ކަމަށް ބުނަމުން އިރަފާން ހާން ބުނީ އޭނާގެ ހިތަށް ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބެނީ ގުދުރަތީ މަންޒަރުތަކާއި ތަކެތި ފެނުމުން ކަމަށެވެ.

"ބައެއް ފަހަރު އަހަންނަށް ފެނޭ މެއްސާއި އެކި ދޫނިތަށް މިނިވަން ޖައްވުގައި އުދުހޭތަން. އަދި ގަސްގެހީގެ ފަތްތަށް ވިހުރޭތަން. އަދި އިރުއަރާ އިރު އޮއްސޭ މަންޒަރު. މި ކަންކަން ފެނި އަހަންނަށް ހިތްހަމަ ޖެހުން ލިބޭ" އިރްފާން ހާން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  އިންސާނުންގެ ބަލިކަށިޖަން އެނގޭ މީހުން 5 ވަގުތު ނަމާދުކުރާނެ! އެކަން ކުރަމުތަ!

  • ބީވާ

   އަސްލުވެސް. ނަމާދު ކޮށްގެން ﷲ އާއި ބައްދަލުވާނެ ކަމުގެ އުންމީދުގައި ހުންނަ މީހަކު ކަންބޮޑުވާނެ ކަމެއް ނޯންނާނެ.

 2. އިރޭ

  ހިތްހަމަޖެހުން ލިބޭނީ ﷲ ހަނދުމަކުރުމުންނެވެ.

  10