ބޮލީވުޑުގައި ފަނޑުވުމެއް ނެތް ތަރި އުމުރުން 98 އަހަރުގެ އެކްޓަރ މުހައްމަދު ޔޫސުފް ޚާން ނުވަތަ ދިލިޕް ކުމާރު، ނޭވާލާން އުދަނގޫވެ މުމްބާއީގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފިއެވެ.

ދިލިޕް ކުމާރުގެ އަންހެނުން ސާއިރާ ބާނޫ ބުނެފައިވަނީ ފާއިތުވި ހަފުތާއެއްހާ ދުވަހު ދިލިޕް ކުމާރަށް ނޭވާލުމަށް އުދަނގޫވި ކަމަށާއި މިއަދު ހެނދުނު ކޮވިޑަށް ފަރުވާނުދޭ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތި ކުރެވި ފަރުވާ ދެވެމުންދާ ކަމަށެވެ.

ލޭގެ ޓެސްޓުތަކާއި އެހެނިހެން ވެސް މުހިންމު ޓެސްޓުތައް ހަނދާފައިވާ ކަމަށާއި ނޭވާލުމަށް އުދަނގޫވާ ސަބަބެއް ރިޕޯޓްތަކުގެ ނަތީޖާ ލިބުމުން އެނގޭނެ ކަމަށް ވެސް ސާއިރާ ބާނޫ ބުނެފައިވެއެވެ.

މިދިޔަ އަހަރު ކޮވިޑު 19 އިގެ ބަލިމަޑުކަން ފެތުރުނީއްސުރެ އެއްވެސް މީހަކާއި ދިލިޕް ކުމާރު ބައްދަލު ނުކުރެއެވެ. އެއީ ދިލިޕް ކުމާރުގެ ދިފާޢީ ނިޒާމު ދެރަކަމުން ބަލިން ރައްކާތެރިވުމަށް އޭނާ އަޅާފައިވާ ފިޔަވަޅެއް ކަމަށް ވެސް ޝާއިރާ ބާނޫ ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ދިލިޕް ކުމާރުގެ ހާލު ރަނގަޅެއް ނޫނެވެ. ނަމަވެސް އޭނާގެ އަންހެނުން ސާއިރާއާއި އެކު ދަނީ އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންނެވެ.

ދިލިޕް ކުމާރުގެ އާއިލީ ގެ ވަނީ ދާރުލް އާޘާރަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައެވެ. މިކަމާއި ދިލިޕްއާއި ސާއިރާ ތިބީ ވަރަށް އުފަލުންނެވެ.

ސާއިރާ ބުނެފައިވާ ގޮތުގައި އެ ގެ ދާރުލް އާސާރަކަށް ހެދުމުން ދިލިޕްއަށް ސަޕޯޓް ކުރާ އެތައް ބަޔަކަށް އެތަނަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އިންޑިޔާގެ ފުރަތަމަ ސްޕަސްޓަރ ދިރިއުޅުނު ގެ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.