ޔަމަނުގެ މަރިބު ސިޓީއަށް ހޫތިން ދިން މިސައިލް ހަމަލާއެއްގައި ކުޑަކުއްޖަކު ހިމެނޭހެން 17 މީހުން މަރުވެއްޖެއެވެ.

ހޫތިން ފޮނުވާލި ވަރުގަދަ މިސައިލް އަމާޒުވީ ޔަމަނުގެ މަރިބު ސިޓީގައި ހުރި ގޭސް ސްޓޭޝަނަކަށެވެ. އިންފޮމޭޝަން މިނިސްޓަރ މޯއަމްމާރު އަލް-އެރްޔާނީ ވިދާޅުވީ މި ހަމަލައިގައި މަރުވި 17 މީހުންގެ އިތުރުން 5 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ހޫތީންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ޔަމަނުގެ ސަރުކާރާއި ދެކޮޅަށް ހޫތީން 2014 ވަނަ އަހަރުން ފެށިގެން ދަނީ ހަނގުރާމަ ކުރަމުންނެވެ. ހޫތީންނާއި ކުރަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް 130،000 މީހުން މަރުވެފައިވެއެވެ.

ސަރުކާރުގެ ނޫސް އެޖެންސީ އަކުން ރިޕޯޓު ކުރާ ގޮތުން މިސައިލް ހަމަލާއަށް ފަހު ހޫތީން ވަނީ ޑްރޯންއެއް ފޮނުވާފައެވެ. ރިޕޯޓު ކޮށްފައިވާ ގޮތުން އެ ޑްރޯން ވަނީ ހަމަލާދިން ސަރަހައްދަށް ދަތުރުކުރަމުން ދިޔަ ދެ އެމްބިއުލާންސް އަކަށް ހަމަލާާދީފައެވެ.

ހޫތީންގެ ހަމަލާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަށް އަމާޒުވި އިރު، ހަނގުރާމަ ހުއްޓައިލުމަށް ހޫތީން އެއްބަސްކުރުމަށް، އޮމާން މެދުވެރިވެގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާ ކުރުމަށް ހޫތީންގެ އިސް ވެރިންތަކެއް ގޮވައިގެން އޮމާންގެ އޮފިޝަލުން އިއްޔެ ވަނީ ވެރި ރަށް ސަންއާއަށް ވަޑައިގެންފައެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހޫތީން އަންނަނީ ޔަމަން މަރިބުގެ މަންޒަރުތައް ބަލަމުންނެވެ. އިއްޔެ ހޫތީން ޔަމަނަށް ހަމަލާދީފައިވަނީ ހޫތީންގެ ލީޑަރުންނަށް ހަނގުރާމަ މެދުކަނޑާލައި ސުލްހަވާން ނުކެރޭ ކަމަށް އެމެރިކާއިން ބުނެފައިވަނިކޮށެވެ. އެމެރިކާ އާއި ސައުދީ އަރަބިއާއިން ބުނަނީ ހަނގުރާމަ މެދުކަނޑާލުމަށް ހޫތީން ހުރަސްއަޅަމުންދާ ކަމަށެވެ.