އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މޭގަން މާކެލް އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ. ދެންމެ ދެމަފިރިންގެ ފަރާތުން މީޑިއާއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ދަރިކަނބަލުންގެ ނަމަކީ ލިލީބެޓް "ލިލީ" ޑަޔާނާ މައުންޓްބެޓެން ވިންޑްސާއެވެ.

ލިލީ އަކީ ރާނީ އެލިޒަބަތަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކިޔާފައިވާ ނަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ލިލީބެޓް އަކީ ރާނީ އެލިޒަބަތައް އާއިލާ މެންބަރުން ލޯބިން ކިޔާ ނަމެކެވެ.

މިއީ ހެރީ އާއި މޭގަން އަށް ލިބުނު ދެވަނަ ދަރިފުޅެވެ. މީގެ ކުރިން ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެދަރިފުޅަށް ކިޔަނީ އާޗީ އެވެ.

މޭގަން ވިހާފައި ވަނީ އެމެރިކާގެ ކެލިފޯނިއާގައެވެ.

ހެރީ އާއި މޭގަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޭގަން ވިހާފައި ވަނީ ހުކުރު ދުވަހު 11:40 ގައި ކަމަށެވެ. ލިލީ އުފަންވިއިރު ބަރުދަނުގައި 3.5 ކިލޯ ހުއްޓެވެ. މިހާރު ދެމައިން ވެސް ތިބީ ގޭގައި ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހެރީ އާއި މޭގަން އަށް ދަރިއަކު ލިބުމުން ރާނީ އެލިޒަބަތު އާއި ޕްރިންސް ޗާލްސްގެ ފަރާތުން އަދި މިހާތަނަށް މަރުހަބާގެ މެސެޖެއް އާއްމު ކުރައްވާފައެއް ނުވެއެވެ.

ލިލީ އުފަންވެފައި މިވަނީ ޝާހީ އާއިލާ އާއި ގުޅޭ ގޮތުން ހެރީ އާއި މޭގަން ދެއްވި އިންޓަވިއުއެއްގެ ސަބަބުން ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެއިންޓަވިއުގެ ފަހުން ޕްރިންސް ފިލިޕް އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވާ ހެރީ ވަނީ އިނގިރޭސިވިލާތައް ދަތުރުކޮށްފައެވެ.