ސްޓަރ ޕްލަސްއިން ދެއްކި މަގު މަގުބޫލު ޑުރާމާ ''އެކްހަޒާރޮމޭ މޭރީ ބެހެނާ ހޭ'' ގައި ''ބަޅީ ދާދީ'' ގެ ރޯލުން ފެނިގެން ދިޔަ ބަތަލާ ތަރުލާ ޖޯޝީ މަރުވެއްޖެއެވެ.

ތަރުލާ ޖޯޝީ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން އިއްޔެ ހެނދުނުއެވެ. މި ޑުރާމާގެ ފަންނާނުން ވަނީ ތަރުލާ މަރުވުމުގެ ހިތާމާގައި މީސް މީޑިޔާގައި ޕޯސްޓްތައް ހިއްސާކޮށްފައެވެ.

މި ޑުރާމާގައި މާންވީގެ ރޯލުން ފެނިގެން ދިޔަ ނިއާ ޝަރުމާ ޑުރާމާގެ ބައެއް ފަންނާނުންނާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ ތަރުލާ ޖޯޝީ މަރުވެއްޖެ ކަމަށާއި އޭނާައަށް ހެޔޮ ދުޢާ ކޮށްފައެވެ. އަދި އަބަދުވެސް އޭނާގެ ''ބަޅީ ދާދީ'' އެއްގެ ގޮތުގައި ދެކޭނެ ކަމަށް ވެސް ބުނެފައެވެ.

މި ޑުރާމާގައި ވިރާޓް ސިންގް ވަދޭރާގެ ރޯލުން ފެނިގެން ދިޔަ ކުޝާލް ޓަންޑަން ވެސް ތަރުލީ މަރުވުމާއި ގުޅިގެން މީސް މީޑިޔާގައި ޕޯސްޓެއް ހިއްސާ ކޮށްފައިވެއެވެ. ތަރުލާއަށް ހެޔޮ ދުޢާކޮށް ކޮށްފައިވާ މި ޕޯސްޓުގައި ޑުރާމާގައި ވިރެން ސިންގް ވަދޭރާގެ ރޯލުން ފެނިގެން ދިޔަ ކަރަން ޓެކާރައާއި ޖާންވީގެ ރޯލުން ފެނިގެން ދިޔަ ކްރިސްޓަލް ޑި ސޫޒާ ޓެގްކޮށްފައިވެއެވެ.

2011 ވަނަ އަހަރު ދައްކަން ފެށި މި ޑުރާމާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑުރާމާއެކެވެ. ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ މި ޑުރާމާގައި ތަރުލާ ޖޯޝީ އަދާކޮށްފައިވަނީ ނިއާ ޝަރުމާއާއި ކްރިސްޓަލް ޑި ސޫޒާގެ މާަމާއެއްގެ ރޯލެވެ. މިއީ ދެ ދައްތައެއްގެ ދެމެދުގައި އޮންނަ ގުޅުން ދައްކުވައިދޭ ޑުރާމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު