ސޮނީ އެންޓަޓެއިންމަންޓުން ދައްކަމުންދާ ކޮމެޑިއަން އެކްޓަރު ކަޕިލް ޝަރުމާގެ ކޮމެޑީ ޝޯ ''ދި ކަޕިލް ޝަރުމާ ޝޯ'' އަލުން ފަށަން އުޅޭ ކަމުގެ އިޝާރާތެއް ޝޯގެ ބައިވެރިއެއް ކަމުގައިވާ ކުރުޝްނާ އަބީޝެކް ދީފިއެވެ.

މި ޝޯއަކީ އިންޑިއާގެ އިތުރުން ރާއްޖޭގެ ވެސް ގިނަ ބަޔަކު ބަލަމުން އަންނަ ޝޯއެކެވެ. މި އަހަރުގެ ޖެނިއަރީ މަހު ޝޯ މެދުކަނޑާލާ ކަމަށް ކަޕިލް ޝަރުމާ ބުނެފައިވެއެވެ. ޝޯ މެދުކަނޑާލުމަށް ނިންމާފައިވަނީ ކޮވިޑު 19 ގެ ސަބަބުންނާއި ކަޕިލްއަށް ދެ ވަނަ ދަރިއަކު ލިބުމާ ގުޅިގެންނެވެ.

ޝޯ މެދުކަނޑާލައި ޚަބަރާއެކު ކަޕިލް ބުނެފައިވަނީ މުޅިން އައު ތަފާތު ކަންތައްތަކަކާއެކު މި ޝޯ އަލުން ފަށާނެ ކަމަށެވެ.

ކުރުޝްނާގެ އިންސްޓަގްރާމު އެކައުންޓުގައި ޝޯގެ ކުރީގެ ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ ޝޯ އަލުން ފެށޭތީ އެކަމާ އުފާވެފައި ހުރި ކަމަށެވެ. ފުރަތަމަ އެޕިސޯޑު ވަރަށް މަޖާ ކަމަށާއި ''އެއް ކްރޯރް ރުޕީސް'' ދިނުމަށް ކުރުޝްނާ ބުނާ ޑައިލޮގު ބުނުމަށް އޭނާ ކެތް މަދުވެފައިވާ ކަމަށެވެ.

މި ޝޯގައި މަސާޖު ސެލޫންއެއް ހިންގާ ސަޕުނާ (ކުރުޝްނާ) ބުނެފައިވަނީ ވަރަށް އަވަހަށް މި ޝޯ ފެށޭނެ ކަމަށެވެ. މިދިޔަ މާޗު މަހު ކަޕިލް ވެސް ވަނީ ޝޯ އެއްކޮށް ހުއްޓާނުލާ ކަމަށާއި އިތުރު ބައިވެރިންނާއެކު ޝޯ ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފައެވެ.

މި ޝޯއިން ކަޕިލްގެ އިތުރުން ފެނިފައިވަނީ ކުރުޝްނާ އަބީޝެކް، ކީކޫ ޝާރްދާ، ބާރްތީ ސިންގް، ސުމޯނާ ޗަކްރަވޮތީ، ޗަންދަން ޕްރަބާކަރު އަދި އަރުޖަނާ ޕޫރަން ސިންގްއެވެ.