އިންޑިއާގެ އައްސާމްގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އޭޓީމްއެއްގެ ތެރެއަށް މީދާތަކެއް ވަދެ ފައިސާތައް ކާލައިފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މީދާތަކުގެ ސަބަބުން ގާތްގަނޑަކަށް 12 ލައްކަ ރުޕީސްއަށް ވުރެ ގިނަ ފައިސާތައް ވަނީ ހަލާކުވެފައެވެ.

އޭޓީއެމްއެއްގެ ތެރެއިން މީދާތައް ފެނިގެން ގިނަބަޔަކު މިހާރު ދަނީ މީސް މީޑިޔާ މެދުވެރިކޮށް އެ ވާހަކަ ވަރަށް ގަދަޔަށް ދައްކަމުުންނެވެ. އަދި މީސް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ މީދާތަކެއް އޭޓީއެމް މެޝިނެއްގެ ތެރޭގައި މަރުވެފައި ތިބި މަންޒަރެވެ. އަދި ބައެއް ފައިސާތައް ހަލާކުވެފައި ހުރި މަންޒަރުވެސް ފެނެއެވެ.

ލަލިޕުރް އޭރިއާގައި ހުންނަ މި އޭޓީއެމް މެޝިން މަސައްކަތް ނުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި އޭޓީއެމް މަސައްކަތް ނުކުރަން ފެށީ މިދިޔަ މެެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނަމަވެސް، އެ މެޝިން ރަނގަޅު ކުރުމަށް ޓެކްނީޝަނަކު އެތަނަށް ގޮސްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އޭނާ ގޮސް މެޝިން ބެލިއިރު، ކަމަކު ދާކަށް ނެތެވެ. މެޝިން ތެރޭގައި މީދާތައް ހުރީ މަރުވެފައެވެ. އަދި އެ މީދާތައް ހުރީ ކުނިވާންވެސް ކައިރިވެފައެވެ. މީގެ އިތުރުން އެ މީދާތަކުގެ ސަބަބުން އެތައް ފައިސާތަކެއްވެސް ވަނީ ހަލާކުވެފައެވެ.

އެ މެޝިން ތެރޭގައި ހަލާކުނުވެ ހުރި ފައިސާތަކުގެ އަދަދު އަރާނީ 17 ލައްކަ ރުޕީސްއަށްކަމަށް ރިޕޯޓްތައް ބުނެއެވެ.