މެންޗެސްޓާއަށް ނިސްބަތްރާ ދެމަފިރިޔަކު މީގެ ދެ އަހަރު ކުރިން ފަށައިގެން ދިރިއުމުން އަންނަ އެޕާޓްމެންޓް ތެރެއިން ދިމާވި އާދަޔާ ހިލާފު ކަންތައްތަކެއްގެ ވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެ ވާހަކަތައް އެމީހުން ހަމައެކަނި ދެެއްކީއެއް ނޫނެވެ. އެ މަންޒަރުތައް ފޮޓޯވެސް ނެގިއެވެ. ވީޑިޔޯވެސް ކުރިއެވެ.

25 އަހަރުގެ ޕައުލް ބުނިގޮތުގައި، މިކަންތައް ދިމާވަމުން އަންނަތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އަދި މިކަންތައް ދިމާވާން ފެށީ އޭނާގެ މާމަ މަރުވުމަށްފަހުކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި، އެ މީހުންނަށް އޭގެ އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެހެން ނަމަވެސް ރޭގަނޑު 1:30 ގެ ފަހުން ގޭ ތެރެއިން އާދަޔާ ހިލާފު ކަންތައްތައް ވަމުންދާތަން ފެންނަކަމަށް އޭނާ ބުންޏެވެ.

އެގޮތުން ދޮންނަ މެޝިން ކުއްލިއަކަށް ހުޅުވުމާއި، ޓޯސްޓް ކުރާ މެޝިން އިން ތަފާތު އަޑުތައް އިވުން ފަދަ ކަންކަން މެދިވެރިވާކަަމަށް އޭނާ ބުންޏެވެ.

މިގޮތަށް ކަންތައް ދިމާވާތީ އެ މީހުން ވީޑިޔޯ ކުރަން ކެމެރާއެއް ދެ ދުވަހެއްގައި ބެހެއްޓިއެވެ. އެ ވީޑިޔޯއިން ފެންނަނީ އެންމެ ފުރަތަމަ ފްރިޖްގެ ދޮރު ހުޅުވޭ މަންޒަރެވެ. އޭރު އެއްވެސް މީހަކު އެތަނުގައި ހުންނަ ތަނެއް ނުފެނެއެވެ. އޭގެ އިރުކޮޅެއް ފަހުން ދޮންނަ މެޝިންގެ ދޮރު ހުޅުވެއެވެ. އަދި ފަހުން ނެގި ވީޑީޔޯއިންވެސް ފެންނަނީ ދޮންނަ މެޝިންގެ ދޮރު ހުޅުވޭ މަންޒަރެވެ.

އެ ފްލެޓް ބަދިގެ ތެރޭގައި މިފަދަ ގޮތަކަށް ކަންތައް ދިމާވާއިރު، އެ މީހުންވެސް އެ ތިބީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ބިރުގަނެފައެވެ. އާދަޔާ ހިލާފު އެއްޗެއް އެގެއިން ނުނުފެނެއެވެ. ނަމަވެސް، އާދަޔާ ހިލާފު ގިނަ ކަންތައްތަކެއް ދުވާލު ގަޑީގައިވެސް ހިނގަމުންދާތީއެވެ.