ބޮލީވުޑްގެ ފިލްމީ ބަތަލް ސުޝާންތު ސިންގް ރާޖުޕޫތުގެ މަރަށް އަހަރެއް ފުރެން ކައިރިވެފައިވާއިރު އެ މަރަށް ވަނީ އިންސާފެއް ނުލިބިފައި ކަމަށް އެތައް ބަޔަކު ބުނެއެވެ. އަދި މި ތަހުގީގުގެ ތެރެއިން ފެންމަތިވި ޑުރަގްގެ މައްސަލަ ވެސް ވަނީ ނުނިމިއެވެ.

މި މައްސަލައިގައި ތިން މަސް ދުވަހު ޖަލުގައި ހޭދަކޮށްފައިވާ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާއަށް އެންމެން އިނގިލި ދިއްކުރަމުން ދަނިކޮށް ރިއާގެ އެންމެ ފަހުގެ ބަޔާނުގައި ސުޝާންތު މަސްތުވާތަކެތީގެ ވަބާގައި ޖެއްސިކަމަށް ބުނާ މީހުންގެ ލިސްޓެއް ވަނީ ހާމަކޮށްފައެވެ.

ސުޝާންތުގެ މައްސަލައިގައި ރިއާ ކުށްވެރި ކޮށްފައިވަނީ ބަތަލާ ސާރާ ޢަލީ ޚާނާއި ސުޝާންތުގެ ދައްތަ ޕްރިޔަންކާ ސިންގްއާއި އޭނާގެ ފިރިމީހާ ސިދާތުއެވެ.

ރިއާ ބުނެފައިވާ ގޮތުގައި ސުޝާންތުއަށް ބައެއް ބާވަތުގެ މަސްތުވާތަކެތި ދިނީ ޖެއްސީ ސާރާ ޢަލީ ޚާން ކަމަށެވެ. އަދި މިކަން ސާބިތު ކުރުމަށް ރިއާ ވަނީ ސާރާއާއި އޭނާގެ 2017 ވަނަ އަހަރުގެ ޗެޓްލޮގެއް ވެސް އެންސީބީއާއި ހިއްސާ ކޮށްފައެވެ.

ސުޝާންތުގެ ދައްތަ ޕްރިޔަންކާއާއި އޭނާގެ ފިރިމީހާ ވެސް ސުޝާންތު އާއެކު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ވެސް ރިއާގެ ބަޔާނުގައިވެއެވެ. ޑޮކްޓަރަށް ދެއްކުމަކާއި ނުލައި ސުޝާންތުއަށް ވަކި ބޭސްތަކެއް ޕްރިޔަންކާ ދޭކަމަށް ވެސް ރިއާ ފާހަގަ ކޮށްފައިވެއެވެ.

މީގެިއތުރުން ވަކި ބާވަތެއްގެ ބޭހެއް ބޭނުން ކުރުމަށް ބުނެ މިދިޔަ އަހަރު ޖޫން 8 ވަނަ ދުވަހު ސުޝާންތުއަށް ޕްރިޔަންކާ ވަޓްސްއަޕްއިން މެސެޖު ކޮށްފައިވާ ކަމަށް ވެއެވެ.

ރިއާއާއި ދިމާވުމުގެ ކުރިން ވެސް ސުޝާންތުއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށާއި ރިއާ އެންމެ ފުރަތަމަ ސިނގިރެޓް ވެސް ބޯން ފަށާފައިވަނީ ސާރާ ޢަލީ ޚާނާއި އެކުގައި ކަމަށް ވެސް ބުނެފައިވެއެވެ.