މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކާއި ކައިވެނި ކުރި އިންޑިއާ މީހަކު ކައިވެނި ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ވަރި ވުމަށް ކޯޓަށް ގޮސްފިއެވެ.

އެ ކައިވެނި ރޫޅާލަން ފިރިހެން މީހާ ބޭނުންވީ އަންހެން މީހާގެ ތުނބިޅިއެއް ހުރުމާއި، އޭނާގެ އަޑުގައި ފިރިހެންވަންތަ ކަމެއް ހުރުމުން ކަމަށް އޭނާ ބުނެފައި ވެއެވެ،

އެ ފިރިހެން މީހާ ބުނިގޮތުގައި، ކައިވެނި ކުރުުމުގެ ކުރިން އެ އަންހެން މީހާގެ މޫނެއް އޭނާއަށް ނުފެނެއެވެ. އަދި އެ އަންހެން މިހާއާ ވާހަކަވެސް ދައްކާފައެއް ނުވެއެވެ. އެއީ އެ އަންހެން މީހާ ހުރީ މޫނު ބުރުގާ އަޅައިގެން ކަމުންނާއި، އެ އަންހެން މީހާއާ ވާހަކަދެއްކުމަށް، އެ އާއިލާއިން ފުރުސަތު ދީފައި ނުވާތިކަމަށް އެ ފިރިހެން މީހާ ބުންޏެވެ.

އެއީ ކާކުކަން ހާމަކޮށްފައިނުވާ އެ އަންހެން މީހާ ކައިވެނީގެ ހަފްލާގައިވެސް ހުރީ މޫނު ބުރުގާ އަޅައިގެންނެވެ. އެ ފިރިހެން މީހާ ބުނިގޮތުގައި، އޭނާގެ އަނބިމީހާ އަބަދުވެސް ހުންނަނީ މޭކަޕްކޮށްގެންނެވެ.

"އަހަރެން އޭނާއާއެކު ހަތް ދުވަސް ހޭދަކޮށް ވަޒީފާގެ ކަމެއްގައި އަހަރެން ދިޔައީ އަވަށުން ބޭރަށް. އެބުރި ގެއަށް އައިއިރު އަނބިމީހާގެ މޫނުގައި ހުރީ ތުބުޅިއެއް ފަޅާފައި. އަދި އޭނާގެ އަޑު ހީވަނީ ފިރިހެން އަޑެއްހެން". އެ ފިރިހެން މީހާ ބުންޏެވެ.

އެ އަންހެން މީހާ ކޯޓުގައި ބުނިގޮތުގައި، އޭނާއަށް އެގޮތަށްވެފައި ވަނީ ހޯމޯންއަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. އެކަން ރަނގަޅު ކުރެވޭނީ ފަރުވާކޮށްގެންކަމަށްވެސް އެ އަންހެން މީހާ ވަނީ ކޯޓުގައި ބުނެފައެވެ. އެ އަންހެން މީހާ ބުނިގޮތުގައި، އެ ސަބަބާއި ހުރެ އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ދަނީ އަނިޔާ ލިބެމުންނެވެ.

މި ކައިވެނި އަދި ނިމުމަކަށް އައިސްފައެއް ނުވެއެވެ. އެ މައްސަލަ ބަލާ ފަޑިޔާރު ބުނީ، އެ ކައިވެނި ރޫޅާލަން ޖެހޭ އެއްވެސް މަޤުބޫލު ސަބަބެއް ނެތް ކަމަށެވެ. މިކަމާއި ގުޅިގެން އެ ފިރިހެން މީހާ ކޯޓުގެ އަޑުއެހުންތަކަށް ހާޒިރު ނުވާތީ މައްސަލަ ވަނީ ދިގުލައިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު