ބޮލީވުޑުގެ ދެ ފަންނާނުން ކަމުގައިވާ ކެތުރީނާ ކައިފް އާއި ވިކީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ވަނީ އަރައިފައެވެ. ދެ ފަންނާނުން އެކުގައި ވަރަށް ގިނައިން ފެނިފައިވެއެވެ. ނަމަވެސް އެ ގުޅުން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ކެތުރީނާ އާއި ވިކީގެ މި ގުޅުން ކަށަވަރު ކޮށްދީފައިވަނީ ހަރްޝް ވަރްދަން ކަޕޫރެވެ. ޒޫމް ޓީވީއެއްގެ ޗެޓް ޝޯއެއްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެ ހަރްޝް ވަނީ މި ސުވާލަށް ޖަވާބު ދީފައެވެ.

އިންޑަސްޓްރީގެ ފަންނާނުންގެ ތެރެއިން ރައްޓެހިވެގެން އުޅޭކަމަށް އަޑު އަރާފައިިވާ ފަރާތްތަކުން ހަރްޝް ގަބޫލުކުރާ ގޮތުގައި އެ ގުޅުމަކީ ތެދެއް ތޯ ނުވަތަ އެއީ ހަމައެކަނި ދެކެވޭ ވާހަކައެއްތޯ ސުވާލު ކުރެވުމުން އެއަށް ޖަވާބު ދެމުން ކެތުރީނާ އާއި ވިކީގެ ގުޅުމުގެ ވާހަކަ ވަނީ ޔަގީން ކޮށްދީފައެވެ.

''ވިކީ އާއި ކެތުރީނާ އުޅެނީ ލޯބީގެ ގޮތުން އެކުގައި. އެއީ ހަމަ ތެދު ވާހަކައެއް. މި ސުވާލަށް ޖަވާބުދީގެން އަހަރެންނަށް މި ކުރިމަތިލެވެނީ ބޮޑު މައްސަލައަކާތަ؟'' ހަރްޝް ޖަވާބު ދީފައިވެއެވެ.

މިއީ ކެތުރީނާ ކެއިފް އާއި ވިކީ ކޯޝަލްގެ ގުޅުން ޔަގީން ކޮށްދިން ފުރަތަމަ ފަންނާނެވެ. ނަމަވެސް ކެތުރީނާ އާއި ވިކީ މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ.

ކެތުރީނާއާއި ވިކީ ވަނީ މުމްބާއީގެ އިތުރުން އެހެނިހެން ސަރަހައްދުތަކުން ވެސް އެކުގައި ފެނިފައެވެ. އަދި ދެމީހުން ވެސް އެކަކު އަނެކަކުގެ ގެއަށް ވަދެ ނިކުމެ ހަދާ މަންޒަރުތައް ވަނީ ޕަޕަރާޒީންގެ ކެމެރާތަކުގައި ރައްކާކުރެވިފައެވެ.