ދެކުނު އެފްރިކާގެ އަންހެނަކަށް އެއްފަހަރުން އެއްމާބަނޑު ދިހަ ކުދިން ލިބިއްޖެއެވެ.

އެހެންކަމުން މިއީ އެއްފަހަރާ މިހައި ގިނަ އެއްމާބަނޑު ކުދިން ލިބުނު ފުރަތަމަ މީހާއަށް ވެގެން ދާނެއެވެ.

މީގެ ކުރިން އެންމެ ގިނަ އެއްމާބަނޑު ކުދިން ލިބިފައި ވަނީ ގްރީސްގެ އަންހެނަކަށެވެ. އެއީ މިދިޔަ މަހުއެވެ.

ދެކުނު އެފްރިކާގެ އަންހެނެއް ކަމަށްވާ ގޮސިއާމީ ތަމަރާއަށް އެއްމާބަނޑު ދިހަ ކުދިން ލިބުނު ޚަބަރު ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ގިނިސް ވޯލްޑް ރެކޯޑުން ވަނީ ބުނެފައެވެ. ގިނިސްވޯލްޑް ރެކޯޑުން މިހާރު ވަނީ ގޮސިއާމީއަށް މަރުހަބާ ކިޔާފައެވެ.

ގޮސިއާމީ އަށް ދިހަ ކުދިން ލިބިފައި ވަނީ ބަލިވެ އިނުމަށް އެއްވެސް ބޭހެއް ވެސް ބޭނުން ނުކޮށެވެ.

ޑޮކްޓަރުން ފުރަތަމަ ބުނީ ގޮސިއާމީ ބަލިވެ އިނީ އެއްމާބަނޑު ހަކުދިންނަށް ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ އޭނާ ބަލިވެ އިނީ އަށް ކުދިންނަށް ކަމަށެވެ. އެންމެފަހުން ވިހޭއިރު އޭނާ އަށް ދިހަ ކުދިން ވަނީ ލިބިފައެވެ.

މީޑިއާ އާއި ވާހަކަދައްކަމުން ގޮސިއާމީ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް ކަމަށާއި ބަޔާން ކުރަން ދަތި އުފާވެރިކަމެއް މުޅި އާއިލާއަށް ލިބިފައިވާ ކަމަށެވެ. "އަހަރެމެން އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް. ވަރަށް އުފާވެއްޖެ މިލިބުނު ނިއުމަތުގެ ސަބަބުން." ގޮސިއާމީ ބުންޏެވެ.

ގޮސިއާމީ އާއި އޭނާގެ ހުރިހާ ދަރިންގެ ހާލު ވެސް ރަނގަޅެވެ.

ގޮސިއާމީގެ ފިރިމީހާ މިވަގުތު ހުރީ ވަޒީފާ ގެއްލިފައެވެ. އެހެންކަމުން އެއާއިލާގެ އެންމެ ބޮޑު ފިކުރަކީ އާއިލާއަށް ހަރަދު ކުރާނެ ފައިސާ ހޯދާނެ ގޮތުގެ ފިކުރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ﷲ ހެއްދެވި އަޅުން، ﷲގެ ރަޙުމަތްފުޅުން ތިޔަ ތުއްތުކުދިންނަށްވެސް ރިޒުގު ދެއްވާނެ މަގުތައް ފަހިވެގެންދާނެ، ތިޔަ މަންމައަށް މުސްލިމަކަށްވެހުރެ ﷲގެ ހަޟުރަތަށް ދުޢާކުރުމުގެ ހެޔޮތައުފީޤް ދެއްވާށި، މިމަޢުލޫމާތުން ގޮސިޔާމީއަކީ މުސްލިމެއްކަން ޢައިރު މުސްލިމެއްކަމެއް އޮޅުމެއް ނުފިލާ،

    59
  2. Anonymous

    ކޮންމެ ފުރާނައެއްވެސް ދުނިޔެއަށް ފޮނުއްވަނީ އޭގެ ރިޒްޤާއި އެކު. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ދެކިބަލަ. ޑޮކްޓަރުން ނަށްވެސް ޢަދަދު ނޭންގުނު މިއޮތްހާ ވަޞީލަތްތައް ހުރި ޒަމާނުގައިވެސް. އެހެން ވީމާ ބުނަނީ ފުރިހަމަ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭ.
    އިންސާނުން ކިތައްމެ މޮޅަށް ކަމެއް ކުރިއަސް އެކަމުގައި އުނިކަން ހުންނާނެއޭ. އެކަލާނގެ ދެއްވާ ނިޢުމަތް ތަކަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި. އާމީން

    47
    1