ދިވެހިންގެ ފޭލި "ވަގަށް" ނަގައި އަމިއްލަ އުފެއްދުމެއް ކަމަށް ހަދައި ވިއްކަން ޖަހާފައިވާ ގްރީސްގެ ފެޝަން ކުންފުންޏެއް ކަމަށްވާ "ބްލުއާ" އިން މާފަށް އެދެފިއެވެ.

މީގެ ކުރިން އެ ކުންފުނީގެ ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައި ހުދުކުލައިގެ ފޭލި ވިއްކަމުން ގޮސްފައިވަނީ އާދައިގެ "ސެރޯންގް" ކެޓަގަރީގަ އެވެ. އެ މީހުންގެ ވެބްސައިޓްގައި ހުދު ފޭލި މާކެޓު ކޮށްފައިވަނީ "އާރިއާ ސެރޯންގް" ގޮތުގައެވެ. އެ ފޭލި އެމީހުންގެ ވިއްކަން ޖަހާފައިވަނީ 24،435 ރުފިޔާ އަށެވެ.

ދިވެހިންގެ ފޭލި އަމިއްލަ އެއްޗެއް ކަމަށް ހަދައިގެން އެ ޕޭޖުގައި ވިއްކަން ޖެހުމާއި އެކީ ގިނަ ދިވެހިން ވަނީ ރަތަށް އަރާފައެވެ. އަދި ގިނަ ބަޔަކު ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ޓުވިޓާ އަދި އިންސްޓަގްރާމްގައި އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.

އެކަމާއި ގުޅިގެން އެ ޕޭޖުން ބުނެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރި "އިންޓަނޭޝަނަލް ޗައިލްޑްސް ޑޭ" އެ ކުންފުންޏަށް ވަރަށް ހާއްސަ ކަމަށެވެ. އެކަން ފާހަގަކުރުމުގެ ގޮތުން މާބަނޑު މީހަކާ އެކު ވަރަށް ހާއްސަ ފޮޓޯއެއް ނަގަން އެ ފޭލި ބޭނުން ކުރީ ކަމަށް ވަނީ ބުނެފައެވެ.

އެ ފޮޓޯ ހިއްސާ ކުރިއިރު ފޭއްޔާ ގުޅޭ މާބޮޑު މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އޭގެ ފަހުން ރާއްޖޭގެ ނެޝަނަލް ހެންޑިކްރާފް އެސޯސިއޭޝަނުން އެ ކުންފުންޏަށް ފޭލީގެ ވާހަކަ ކިޔައިދީފައިވާ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

އެއެސޯސިއޭޝަނުން ބުނެފައިވަތީ ކުންފުނިން ވަނީ، ފޭލި މާކެޓް ކުރެވުމަކީ ގޯހެއް ކަމަށާއި އެހެންވެ އެކަމާ މާފަށް އެދޭ ކަމަށް ބުނެ އެ މީހުންގެ ވެބްސައިޓުން ފޭލިތައް ނަގާފައެވެ.

ނަމަވެސް ދިވެހިންގެ ފޭލިތަކުގެ ޑިޒައިނަށް އެމީހުން ފޭލިތައް ތައްޔާރުކުރުމުގެ ވިސްނުން އައިގޮތާއި، ފުރަތަމަ ފޭލިގެ ޑިޒައިން އެމީހުންނަށް ލިބުނު ގޮތް ބަޔާންކޮށްފައެއް ނުވެއެވެ.