އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލްގެ ދެވަނަ ދަރިފުޅު ލިލީބެޓް "ލިލީ" ޑަޔާނާ މައުންޓްބެޓެން ވިންޑްސާގެ ނަމާއި ގުޅިގެން ގާނޫނީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ.

ހެރީގެ ދަރިކަނބަލުންނަށް ދީފައިވާ ނަން ކަމަށްވާ ލިލީބެޓް އަކީ ރާނީ އެލިޒަބަތުގެ ވަނަމެކެވެ. ހެރީ ދަރިކަނބަލުންނަށް ނަން ދިނީ ރާނީގެ އިޒްނަ ލިބިގެން ކަމަށް "ޕޭޖް ސިކްސް" އާއި "ޓައިމްސް" ފަދަ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް "ބީބީސީ" އިން ބުނީ ހެރީ ދަރިކަނބަލުންނަށް ދިނީ ލިލީބެޓްގެ ނަންކަން ރާނީ އަށް އެނގިވަޑައިގެންނެވީ ނަން ކިއުމުގެ ހުރިހާކަމެއް ނިމުނު ފަހުންނެވެ.

ބީބީސީ އިން ބުނާ ގޮތުގައި ލިލީބެޓްގެ ނަން ހެރީގެ ދަރިކަނބަލުންނަށް ދިނުމުން ރާނީ ހުންނެވީ ހިތްހަމަނުޖެހިފައެވެ. ރާނީ އެލިޒަބަތުގެ ހުއްދަ ނެތި ހެރީ ލިލީބެޓްގެ ނަން ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށާއި އެނަމާއި ގުޅިގެން ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނީ އެހެންވެގެން ކަމަށް ބީބީސީގައި ބުނެފައި ވެއެވެ.

ރާނީ އެލިޒަބަތު އާއި އަދި ޝާހީ އާއިލާ އިން ވެސް ވަނީ ހެރީ އަށް ދަރިއަކު ލިބުމުން އެކަމަށް މަރުހަބާ ކިޔައި ބަޔާނެއް ނެރެފައެވެ. ނަމަވެސް ބަޔާނުގައި ލިލީބެޓްގެ ނަމާއި ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ހެރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އިމްތިޔާޒުތައް ދޫކޮށްލުމަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރުމުން ޝާހީ އާއިލާ އާއި ވަނީ ގުޅުން ގޯސްވެފައެވެ. އެގުޅުން އިތުރަށް ގޯސްވެގެން ދިޔައީ މިއަހަރުގެ ކުރީކޮޅު ހެރީ އާއި މޭގަން ދެއްވި ޓީވީ އިންޓަވިއުއެއްގެ ސަބަބުންނެވެ. ނަމަވެސް އޭގެ ފަހުން ކޮންމެވެސް ވަރަކަށް ގުޅުން ރަނގަޅުވެފައިވާ ކަމަށް ވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.