ބޮލީވުޑު ފިލުމުތަކުގައި ތަފާތު ރޯލުތަކެއް ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮމަން އިރާނީގެ މަންމަ ޖާބަނޫ އިރާނީ އުމުރުން 94 ގައި މަރުވެއްޖެއެވެ.

ޖާބަނޫ މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހު މުސްކުޅި ބަލީގައި ކަމަށް ބޮމަން ބުނެފައިވެއެވެ.

ބޮމަން އޭނާގެ މަންމަގެ ހަނދާންތައް އައުކުރަމުން ޖާބަނޫގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ ޖާބަނޫ އޭނާގެ އުމުރުން 32 އަހަރުން ފެށިގެން ބޮމަންގެ މަންމައާއި ބައްޕަގެ ދައުރު އަދާކޮށްފައިވާ ކަމަށެވެ. މަންމަ ޖާބަނޫއަށް ތަޢުރީފުކޮށް އެތައް ވާހަކައެއް މި ޕޯސްޓުގައި ހިއްސާކޮށްފައިވެއެވެ.

ބޮމަންގެ މަންމަ ޖާބަނޫ އަބަދުވެސް އޭނާއަށް ދޭ ނަސޭހަތް ވެސް މި ޕޯސްޓުގައި ލިޔެފައިވެއެވެ. އެކްޓަރަކަށް ވާންވާނީ މީހުންގެ ތަޢުރީފު ހޯދުމަށް ނޫން ކަމަށާއި ނަމަވެސް މީހުންނަށް ހިނިތުންވުން ގެނެސްދިނުމަށް ކަމަށް ޖާބަނޫ ބުނެފައިވެއެވެ.

މަންމަ މަރުވުމުގެ ކުރިން އޭނާ އެންމެ ފަހުން ކާން ބޭނުންވީ މަލާއީ ކުލްފީއާއި އަނބު ކަމަށް ވެސް މި ޕޯސްޓުގައި ބޮމަން ބުނެފައިވެއެވެ.

މަންމަގެ އަތުގައި ފައިސާ ނެތްނަމަ ވެސް ވީވަރަކުން އޭނާގެ ރަހުމަތްތެރިންނާއި އެކު ފިލުމު ބެލުމަށް ސިނަމާތަކަށް ފޮނުވާ ކަމަށާއި މަންމައަކީ ކެއުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށް ވެސް ބޮމަންގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

 

View this post on Instagram

 

A post shared by Boman Irani (@boman_irani)

އަދި މީގެ އިތުރުން އޭނާ އުފަންވުމުގެ 6 މަސް ކުރިން އޭނާގެ ބައްޕަ މަރުވުމުން އާއިލާއިން ހިންގި ކުޑަ ފިހާރައެއް ބަލަހައްޓަމުން އޭނާ ބަލައި ބޮޑުކޮށްފައިވާ ކަމަށް ވެސް އުމުރުން 61 އަހަރުގެ އެކްޓަރ ބޮމަން އިރާނީ ބުނެފައިވެއެވެ.

ބޮމަން ކުޅެފައިވާ ބައެއް ފިލުމުތަކުގެ ތެރޭގައި ''3 އީޑިއަޓްސް''، ''މުންނާބާއީ އެމްބީބީއެސް'' ފަދަ އެތައް ފިލުމެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު