ބޮލީވުޑުގެ ކުރިއަރަމުން އައި އެކްޓަރ ސުޝާންތު ސިންގް ރާޖުޕޫތު މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވުމާއި ގުޅިގެން އޭނާގެ މަރާއި ގުޅޭގޮތުން އެތައް ބަޔަކު ދަނީ ފިލުމުތަކާއި ވެބް ސީރީޒްތަކާއި ފޮތްތައް ވެސް ލިޔަމުންނެވެ.

ސުޝާންތުގެ އަމިއްލައަށް ދަންޖެހިގެން މަރުވީތޯ ނުވަތަ ބަޔަކު ރާވައިގެން ސުޝާންތު މަރައިލީތޯ މިއީ މިހާރު އުފެދިފައިވާ އަދި ޖަވާބު ނުލިބި އޮތް އެއް ސުވާލެވެ. ސުޝާންތުގެ މަރަށް އަހަރެއް ފުރުމަށް ކައިރިވެފައިވާ އިރުވެސް މި މަރުގެ ތަހުގީގުތައް ދަނީ ކުރިއަށެވެ.

މި ފުރުސަތުގެ ބޭނުން ހިފައި ފިލުމު އުފައްދައި އެތައް ފަރާތަކުން ދަނީ ސުޝާންތުއާއި އޭނާގެ މަރާއި ގުޅޭގޮތުން ފިލުމު ހަދަމުންނެވެ. ''ނިޔާ: ދި ޖަސްޓިސް''، ''ސުއިސައިޑް އޯ މާޑަރ''، "އަ ސްޓަރ ވޯސް ލޮސްޓް'' އަދި ''ޝަޝަންކް'' ފަދަ ނަންނަމުގައި ވަނީ ފިލުމުތައް ހަދާފައެވެ.

މި ފިލުމުތަކުގެ މަސައްކަތްތައް ނިމިފައިވީ ނަމަވެސް މި ފިލުމުތައް ރިލީޒް ކުރުމުގެ ހުއްދަ ދިއްލީ ހައިކޯޓުން ދީފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ހައިކޯޓުން ބުނެފައިވަނީ ސުޝާންތުއަކީ މަޝްހޫރު މީހެއް ކަމަށާއި ގިނަ ބަޔަކަށް އެނގޭ މީހެއްކަމުން އޭނާައާއި ގުޅޭގޮތުން ދެއްކޭ އެއްޗެއްގެ ސަބަބުން ސުޝާންތުއާއި އޭނާގެ އާއިލާއަށް ދެރައެއް ލިބިދާނެ ކަމަށެވެ.

ސުޝާންތުގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ނުވަތަ ދައްކުވައިދޭ މަންޒަރެއްގެ ސަބަބުން އޭނާގެ ދަރިފުޅަށް ހުތުރުވާ ނުވަތަ ސުޝާންތުގެ ނަން ހުތުރުވެދާނެ ފަދަ އަޑުތަކެއް އަރައިފާނެ ކަމަށް ބުނެ އޭނާއާއި ގުޅޭގޮތުން ފިލުމުތައް އާއްމު ނުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައެވެ.

މި މަހުގެ 14 ވަނަ ދުވަހު ސުޝާންތުގެ މަރަށް އަހަރެއް ފުރޭނެއެވެ.