ލޯބިވެރިޔާއާއެކު ދިރިއުޅުމަށް އިންޑިއާ އަންހެނަކު މި ވަނީ އޭނާ ދިރިއުޅެމުންދިޔަ ގެއިން ފިލާފައެވެ. އޭނާ ގެއިން ފިލިތާ މިހާރު 11 އަހަރުވީއެވެ. އޭނާ ފިލުމުގެ ކުރިން ދިރިއުޅެމުންދިޔައީ ކެރެލާގެ އަޔަލުރް ވިލޭޖްގައި އޭނާގެ މައިންބަފައިންގެ ގޭގައެވެ. އޭނާ ފިލާފައި ވަނީ ލޯބިވެރިޔާއާއެކު ދިރިއުޅެން ބޭނުން ވެގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސާޖިތާ ނަމަކަށް ކިޔާ އެ އަންހެން މީހާ ގެއްލުނުއިރު، އުމުރަކީ 18 އަހަރެވެ. އަދި ސަޖިތާގެ މައިންބަފައިން ވަނީ އޭނާ ހޯދަން ކުރި މަސައްކަތްވެސް ހުއްޓާލާފައެެވެ. އެހެން ނަމަވެސް އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ މައިންބަފައިން ދިރިއުޅެމުންދާ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި އަލިންޗުވައްޓިލް ރަހްމާން އާއި އެކުގައެވެ. އޭނާ އަކީ ކުރެހުން ތެރިއެކެވެ. އޭނާ އެ ގޭގައި ދިރިއުޅޭމުންދިޔަކަން އެއްވެސް މީހަކަށް ނޭނގެއެވެ.

ސަޖިތާ ފިލާފައި ވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. އެއިރު އޭނާގެ މައިންބަފައިން ފުލުހުންނަށްވެސް ގުޅިއެވެ. އަދި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އޭނާ ހޯދިފައެއް ނުވެއެވެ.

ސަޖިތާ ރަހްމާންއާއެކު ދިރިއުޅެމުންދާކަން ފަޅާ އެރީ ރަހްމާންގެ ބޭބެ ބަޝީރުއަށެވެ. ބަޝީރު އާއި ރަހްމާން ދިމާއީ އޮޅުމެއްގެ ތެެރެއިންނެވެ. މީގެ ތިން މަސް ކުރިން ރަހްމާން ވަނީ ފިލައިގެން ވަކިން އެހެންް ތާކަށްވެސް ގޮސް ސަޖިތާއާއެކު އެހެން ގެއެއްގައި ދިރިއުޅެން ފަށާފައެވެ. ބަޝީރަށް އެކަން އެނގިގެން އާއިލާ ތެރޭގައި އެ ވާހަކަދެއްކިއެވެ. އަދި އެ މީހުން ކޯޓަށް ހާޒިރުކޮށް، އެއްްކޮށް ދިރިއުޅުމުގެ ހުއްދަވެސް ކޯޓުން މިހާރު ވަނީ ދީފައެެވެ

ފުލުހުން ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، އެ މީހުންގެ ގުޅުމުގެ ވާހަކަ ސިއްރުކޮށްފައި ވަނީ އެއީ ދެ މީހުންނަކީވެސް ދެ ދީނަށް ނިސްބަތްވާ މީހުންނަށް ވުމުން ކަމަށެވެ.

އިތުރަށް ފުލުހުން ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، ސަޖިތާ މީގެ ކުރިން ދިރިއުޅެމުން ގޮސްފައި ވަނީ ރަހްމާންއާއި އެކު އެއް ކޮޓަރިއެއްގައި ރަހްމާންގެ އާއިލާއާއި އެކުގައެވެ. އެހެން ނަމަވެސް އެކަން އާއިލާއަށްވެސް ނޭނގެއެވެ.

"ރަހްމާންގެ ކޮޓަރިއަށް އެއްވެސް މީހަކު ވަންނަން އުޅުނަސް އޭނާ އުޅެނީ، މޮޔައެއްހެން، ހީވަނީ ބޮޑު ކަމެއް ވެގެން އުޅޭ ހެން، ރަހްމާން ކާންވެސް ވަންނަނީ ކޮޓަރިއަށް". އާއިލާއިން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އަވައްޓެރިން ހީކޮށްގެން ތިބީ ރަހްމާން އަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ.