އިޓަލީވިލާތުގެ އަންހެނަކު ހާޓްއެޓޭކެއް ޖެހިގެން ހާލު ދެރަވެގެން ކޯމާގައި އޮންނަތާ ދިހަ މަސް ފަހުން ހޭއަރައި، ހާލު ރަނގަޅު ވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ކްރިސްޓީނާ ރޯސީ ކޯމާއަށް ލީއިރު އޭނާ އިނީ ބަލިވެއެވެ. އޭރު ބަނޑަށް ހަތް މަސް ދުވަހެވެ. ރޯސީ ކޯމާގައި އޮއްވާ ޑޮކްޓަރުން ވަނީ ސިޒޭރިއަން ހަދައިގެން ރޯސީގެ ދަރިފުޅު ނަގާފައެވެ. މިހާރު ދަރިފުޅަށް ވަނީ ދިހަ މަސް ފުރިފައެވެ.

ރޯސީގެ ފިރިމީހާ ގެބްރިއެލް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިފުޅު ލިބުނުއިރު އަނބިމީހާ މަރާއި ހަނގުރާމަ ކުރަމުން ދިއުމުން ދަރިއަކު ލިބުމުގެ އުފާ އޮތީ ހިތާމައާއި އެކުގައި ކަމަށެވެ. "އޭރު ރޯސީ ދެން އެނބުރި އަހަރެމެންގެ ކައިރިއަށް އަތުވެދާނެ ކަމުގެ އުއްމީދެއް ނެތް. އެކަމަކު އޭގެ ދިހަ މަސް ފަހުން އަންހެނުން ލޯ ހުޅުވާލާ މިހާރު ވާހަކަދައްކަން ފަށައިފި. ދަރިއަކު ލިބުމުގެ އުފާވެރިކަން އާއިލާއަށް މިއައީ ދަރިފުޅު އުފަންވިތާ ދިހަ މަސް ފަހުން." ގެބްރިއެލް ބުންޏެވެ.

ރޯސީ އަށް މިހާރު ވަނީ އޭނާ ކޯމާގައި އޮއްވާ ލިބުނު ދަރިފުޅާއި ބައްދަލުވެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޯމާގައި އޮތުމުންނާއި ހާޓްއެޓޭކެއް ޖެހިފައި ވުމުން ރޯސީއަށް އަދި ރަނގަޅަށް ވާހަކަދައްކާ، މީހުން ދެނަގަތުން ފަދަ ކަންކަން އެހައި ފަސޭހައެއް ނޫނެވެ. އެހެންކަމުން ދަރިފުޅާއި އަދި އޭނާ އަށް ވާހަކައެއް ނުދެއްކެއެވެ.

ރޯސީ އަށް އަދިވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އާއިލާ އިން ބުނާ ގޮތުގައި ރޯސީގެ ރިކަވަރީ ފަރުވާތައް މިހާރު ފަށައިގެން ކުރިއަށް އެބަދެއެވެ. ނަމަވެސް އަދި އޭނާ ގެއަށް ދޫކޮށްލެވޭނެ ދުވަހެއް ނޭނގެއެވެ.