މިސްރަށް ނިސްބަތްވާ ދެ ލޯބިވެރިއަކު ކައިވެނި ޕާޓީއަށް ކާރެއްގައި ދަނިކޮށް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިކަން ހިނގާފައި ވަނީ ކައިރޯ ސިޓީގައެވެ. މިކަން ހިނގާފައި ވަނީ އެ ދެ ލޯބިވެރިންނާއި، އަންހެން މީހާގެ ދައްތައާއެކު ކާރުގައި ދަނިކޮށް ކާރު ފުރޮޅާލައިގެން ގޮސް ފެންގަނޑަކަށް ވެއްޓުމުންނެވެ.

އެ ހާދިސާގައި އެ އަންހެން މީހާގެ ދައްތަވެސް ވަނީ މަރުވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، އަންހެން މީހާއާ އޭނާގެ ދައްތަގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ.ދެ މީހުން ފެނުނު އިރުވެސް އޮތީ މަރުވެފައެވެ. އެހެން ނަމަވެސް ފިރިހެން މީހާގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން ބުނެފައިވާގޮތުން، މިކަން ހިނގާފައި ވަނީ ކައިވެންޏާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް މިކަން ހިނގަން މެެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

މިސްރުގައި ކައިވެންޏާއި ގުޅުވައިގެން ސަގާފީ ކަންކަން ކުރުމަކީ އާއްމު ކަމެކެވެ. ހާއްސަކޮށް ކައިވެންޏަށް ކާރާއި އެ ނޫންވެސް އެއްޗެހި ޒީނަތްތެރިކޮށް ހަފްލާ ބާއްވާ ސަރަހައްދަށް އޭގައި ދެ ލޯބިވެރިން އެކުގައި ގެންދެއެވެ.