ގާނޫނީ ވަކީލަކަށްވުމަށް ލޯ ކޮލެޖްގެ އިމްތިހާން ދެފަހަރަށް ހަދައިގެން ވެސް ކިމް ކާޑޭޝިއަން ފެއިލް ވެއްޖެއެވެ.

ދުނިޔޭގެ މަޝްހޫރު މޮޑެލް އަދި ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކިމް ކާޑޭޝިއަން ޤާނޫނީ ވަކީލުކަން ކިޔަވާތާ މިހާރު އަަހަރުތަކެއް ވެއްޖެއެވެ. ލޯ ކޮލެޖްގެ ފުރަތަމަ އިންތިހާނު ދެވަނަ ފަހަރަށް ހަދައިގެންވެސް އޭނާ ފާސްނުވާކަން އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ.

ކިމް ކާޑޭޝިއަން ވަކީލަކަށްވުމަށް ހަދަން ޖެހޭ އިމްތިހާނުން ފެއިލްވިކަން ހާމަކޮށްފައި ވަނީ ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ އެންމެ ފަހު އެޕިސޯޑުގައި އެވެ. 14 އަހަރުވަންދެން ގެނެސްދިން އެ ސީރީސް ނިންމާލާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

އަމިއްލަ ލޯ ފާމެއް ހެދުމަށް ފޮނި އުންމީދުތަކެއް ކުރަމުންއައި ކިމް ބުނީ ފުރަތަމަ ފަހަރު ފެއިލްވި އިރު ލިބުނު މާކުހަށްވުރެ ދެވަނަ ފަހަރު ފެއިލްވި އިރު ލިބުނު މާކުސް ދަށް ކަމަށެވެ.

ކިމް ލޯ އިމްތިހާނުން ފެއިލް ވުމުން އޭނާގެ އާއިލާ އިން ވަނީ ކިމް އަށް ހިތްވަރުދީފަ އެވެ. އެގޮތުން ކްލޯއީ ބުނީ ކިމްއާއި ދިމާވި ކަންތައްތަކަށް ބަލާފައި އޭނާ އިމްތިހާނުން ފެއިލް ވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކީ ކިމް ކޮވިޑް ޖެހިފައި، 40 ވަނަ އުފަންދުވަސް އައިސް އަދި ލޯބީގެ ހަޔާތުގައިވެސް ހާދީސާތަކާއި ކުރިމަތިލާން ޖެހުން ކަމަށް ކްލޯއީ ބުނެފައި ވެއެވެ.

މިމަހުގެ ތެރޭގައި ތިންވަނަ ފަހަރަށް އިމްތިހާނު ހަދާނެ ކަމަށް ކިމް މިހާރު ވަނީ ބުނެފަ އެވެ. ކިމްގެ ހަޔާތުގައި ބޮޑެތި އެތައް ކަމެއް ދިމާވަމުންދާ މި ދަނޑިވަޅަކީ އޭނާގެ ހަތް އަހަރުގެ ކައިވެނި ރޫޅި ވަރިކުރުމުގެ ފަހު މަރުހަލާވެސް ކުރިޔަށްދާ ދުވަސްވަރެކެވެ.

ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓުގެ ކައިވެނި ރޫޅިފައިވާއިރު އެ ކައިވެންޏަށް ހަތަރު ކުދިން ވަނީ ލިބިފަ އެވެ.