މާސް އަށް ޗައިނާ އިން ފޮނުވާފައިވާ އުޅަނދު "ޒުރޮންގް" ރޯވާ މާސްގެ ބިމުގައި މަސައްކަތް ފެށިތާ މަސް ދުވަސް ފަހުން މާސްގައި އެއުޅަނދުން ނަގާފައިވާ ސެލްފީތަކެއް ޗައިނާ އިން އާއްމުކޮށްފިއެވެ.

ޗައިނާ އިން މާސް އަށް ފޮނުވި އުޅަނދުގެ ސެލްފީތަކުން ފެންނަނީ ޗައިނާގެ ދިދަ ޖަހާފައިވާ އުޅަނދު ފެންނަ ގޮތައް ނަގާފައިވާ ފޮޓޯތަކެކެވެ.

ޗައިނާގެ އުޅަނދަކީ 33 ފޫޓްގެ ބޮޑު އުޅަނދެކެވެ. މިއުޅަނދުގައި ރޮބޮޓެއް ވެސް ހިމެނެއެވެ. މިއީ ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން މާސް އަށް ފޮނުވި އެންމެ ފުރިހަމަ އުޅަނދެވެ.

ތިން މަސް ދުވަހު މާސްގެ އޯބިޓްގައި ދަތުރު ކުރުމަށްފަހު ޒުރޮންގް މާސްގެ ބިމުގައި ޖައްސާފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. މިއުޅަނދު ޖައްސާފައި ވަނީ މާސްގެ އެންމެ އުތުރުން އޮންނަ ސަރަހައްދުގައެވެ.

މިއުޅަނދުން ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ މާސްގައި އެއްވެސް ދުވަސްވަރެއްގައި ފެން ނުވަތަ އައިސް ހުރިތޯ ބެލުމުގެ މަސައްކަތް ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ. އުޅަނދުގައި ހަރުކޮށްފައިވާ ރާޑަރު ސިސްޓަމްގެ ސަބަބުން ފެނާއި އައިސް ހުރިނަމަ އެކަން ދެނެގަންނާނެ ކަމަށް ޗައިނާ އިން ބުނެއެވެ.

ޗައިނާ އަކީ މާސްއަށް އުޅަނދެއް ފޮނުވި ދެވަނަ ގައުމެވެ.

ޗައިނާ އާއި އެންމެ ވާދަވެރި އެމެރިކާ އިން ވެސް މިހާރު މާސްއަށް ފޮނުވާފައިވާ އުޅަނދަކުން ދިރާސާތަކެއް ކުރަމުން އެބަގެންދެއެވެ. އެމެރިކާ އިން މާސްއަށް ފޮނުވާފައިވާ އުޅަނދުގައި ހެލިކޮޕްޓަރެއް ވެސް ހިމެނެއެވެ. އެހެލިކޮޕްޓަރު މިހާރު ވަނީ މާސްގައި އުދުހިފައެވެ، މިއީ މާސްގައި ހެލިކޮޕްޓަރެއް އުދުއްސި ފުރަތަމަ ފަހަރެވެ. ނާސާގެ އުޅަނދުން ހިލައާއި ވެލި ނަގައިގެން 2031 ވަނަ އަހަރު އެނބުރި ދުނިޔެއަށް އަންނާނެ ކަމަށް ނާސާ އިން ބުނެއެވެ.