ސްޕެއިންއަށް މޮރޮކޯ މެދުވެރިކޮށް އެތެރެވާން އުޅުނު އައިވަރީ ކޯސްޓުގެ އަލީ އޮޓާރާ ނަމަކަށްކިޔާ މީހަކު އޭނާގެ 8 އަހަރުގެ ދަރިފުޅު ސޫޓްކޭސް ފޮށްޓަކަށް ލައިގެން ވަގަށް އެތެރެކުރަން މަސައްކަތްކުރި މައްސަލައިގައި ޖަލު ހުކުމެއް ނުލިބި ސަލާމަތްވެއްޖެއެވެ. އެމީހާއަށް ޖަލު ހުކުމެއް ދިނުމަށް މައްސަލައިގެ ޕްރޮސެކިއުޓަރުން ފުރަތަމަ ކޯޓުގައި އެދުނު ނަމަވެސް ފަހުން ވަނީ އެ ކުއްޖާގެ ބައްޕައަށް އެ ކުއްޖާ ފޮށްޓަކަށް ލައިގެން ވަގަށް އެތެރެކުރަން އުޅުނުކަން އެނގިފައިނުވާކަމަށް އެއްބަސްވެފައެވެ.

ސްޕެއިންގެ ސިއުޓާ ނަމަކަށްކިޔާ ސަރަހައްދަކަށް އެތެރެވުމަށް މަސައްކަތްކުރަމުންދިޔަ އެ މީހާއަށް ވަނީ ކޯޓުން ޖޫރިމަނާއެއް ދެއްކުމަށް އަންގައި މައްސަލަ ނިންމައިފައެވެ. ފޮށިގަނޑަށް ލައިގެން އެތެރެކުރުމަށް މަސައްކަތްކުރެވުނު އަޑޫ ނަމަކަށްކިޔާ ކުޑަ ކުއްޖާ ވަނީ އޭނާގެ ބައްޕައަށް އަދި އޭނާއަށްވެސް މި މަސައްކަތުގައި އޭނާ ފޮށިގަނޑަކަށް ލާނޭކަން އެނގިފައިނުވާކަމަށާއި އަދި އޭނާގެ ބައްޕަ އޭނާ ގާތުގައި ސިއުޓާއަށް އެތެރެވުމަށް މަސައްކަތްކުރާނީ ކާރެއް މެދުވެރިކޮށްކަމަށް ބުނިކަމަށް ކޯޓުގައި ބުނެފައެވެ.

އަޑޫ ވަނީ މީގެ އިތުރުންވެސް ފޮށިގަނޑު ތެރޭގައި ހޭދަކުރި ވަގުތުގައި އޭނާއަށް ނޭވާލާން ވަރަށް އުނދަގޫވިކަމަށް ކޯޓުގައި ކިޔައިދީފައެވެ. މިހާރު އުމުރުން 10 އަހަރުގެ އަޑޫ ފޮށިގަނޑެއް ތެރޭގައި ސްޕެއިންއަށް އެތެރެވުމަށް މަސައްކަތްކޮށްފައިވަނީ އުމުރުން އެންމެ 8 އަހަރުގައެވެ. އެ މައްސަލައިގައި އޭނާގެ ބައްޕަ އަލީ އޮޓާރާ ވަނީ އެއް އަހަރު ޖަލުގައި ހޭދަކޮށްފައެވެ.

މިމައްސަލައާއި ބެހޭގޮތުން ވާހަކަދައްކަމުން އަލީ އޮޓާރާ ވަނީ މިހާރު މި ހުރިހާ ކަމެއް ނިމިފައިވާކަމަށާއި އަދި އާދައިގެ ދިރިއުޅުމެއް އަލުން ފެށިގެންދާނެކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ. އަލީ އޮޓާރާ ބުނިގޮތުގައި އެ އާއިލާއިން ދެން މަސައްކަތްކުރާނީ ސްޕެއިންގެ އުތުރުގެ ސަރަހައްދެއްގައި އަލުން ދިރިއުޅުމެއް ފެށުމަށެވެ.

ކިޔުންތެރިންގެ ހިޔާލު