ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ޗޮކްލޭޓް އުފައްދާނެ ގޮތެއް އިންޑިއާގެ ތަޖުރިބާކާރުން ހޯދައިފިއެވެ.

އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ބުނެފައިވަނީ އެކި ކަހަލަ މޭވާ ބޭނުން ކޮށްގެން އުފައްދަމުން އަންނަ ޗޮކްލޭޓަކީ ސިއްހަތަށް ފައިދާ ނެތް އެއްޗެއް ކަމަށާއި ހާއްސަ ގޮތެއްގައި ކުޑަކުދިންނަށް އެފަދަ ޗޮކްލެޓުން ގެއްލުންވާ ކަމަށެވެ.

އެހެން ނަމަވެސް ދެން އެކަމާއި ވިސްނާކަށް ނުޖެހޭ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެގޮތުން އެ ޕްރޮސެސްގެ ތެރޭގައި ކޮކޯ ބީންސް "ޑަބަލް" ފާމެންޓް ކުރާ ވަގުތު މޭވާގެ ރަހަ އޭގެ ތެރެއަށް ލައި ތަފާތު ކަމެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. މީގެ ކުރީގެ މަރުހަލާތަކަށް ބަލާއިރު، ކޮކޯ އެންމެ ފަހަރަކު ފާމެންޓް ވުމަށް ފަހު ދެން އޭގެ ތެރެއަށް އެކި ކަހަލަ ފްލޭވާތައް އެޅި ނަމަވެސް، މިހާރު ހޯދި ހޯދުންތަކުން އެ ދެ މަރުހަލާ އެއްކޮށްގެން ސިއްހަތައް ފައިދާ ވާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އެގޮތަށް ޑަބަލް ފާމެންޓް ކުރުމުން މޭވާގެ ހުންނަ ފޮނި މީރުކަން ޗޮކްލޭޓް ހަދާ ވަގުތު އެއްވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

މިޓީމުގައި ހަރަކާތްތެރިވާ ޑރ. ޖަސްޓިން ސަމިއުލް ވިދާޅުވީ، އެ އުފެއްދުން އެގޮތަށް އައިސްފައިވަނީ އޭނާއަށް ވެސް ލިބުނު ތަޖުރިބާއާއި އެކީ ކަމަށެވެ. އެގޮތުން އޭނާގެ ދަރިފުޅަށް ދޭން ޗޮކްލޭޓް ގައްނަން ފިހާރަތަކަށް ގޮސް އެކި ފްލޭވާ ތަކުގެ ޗޮކްލޭޓަށް ބަލާއިރު، އެންމެ އެދެވޭ ޗޮކްލޭޓް ނުފެންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެގޮތަށް ބޭނުންވާ ރަނގަޅު އެއްޗެއް ނުފެނުމުން މި ހިޔާލު ލިބުނީ" އޭނާ ވިދާޅުވިއެވެ.