ފުރަ މާލެ އަށް އުފަން މުހައްމަދު އަދީން އަލީ އަކީ ރާއްޖޭގައި ތިބި ފިޓްނެސް އިންސްޓްރަކްޓަރުންގެ ތެރެއިން ނަގާ ކިޔާލެވޭ އެއް ނަމެވެ.

ތަފާތު އެކި ބޭނުންތަކަށް ކަސްރަތުކުރާ މީހުންނަށް އެހީވާ މުދައްރިބެއްގެ ގޮތުގައި އޭނާ އަދާކުރާ ދައުރަކީ ލާމަސީލު ދައުރެކެވެ. ޚާއްސަކޮށް ބަރުދަން ލުއިކޮށްލުމަށާއި، ފެޓް ލޮސް އަދި މަސަލް ގެއިން އަށް ދާ ކްލައިންޓުންނަށް އެހީވުމުގައި އެތައް އަހަރެއް އޭނާ ހޭދަކުރީ ނިމުންނެތް ޝައުގުވެރިކަމާއި ފަރުވާތެރިކަމާއި އެކުގައެވެ.

އަދީން އޭނާގެ ޅަފުރާ ސިފަކޮށްދިނުމުން ހާމަވީ ކަމަކީ ދުޅަހެޔޮވެ ހަށިހެޔޮވުމާއި އޭނާގެ ޅަފަތުގެ ދުވަސްތަކާއި ކޮންމެވެސް ވަރަކަށް ގުޅުން އޮތްކަމެވެ. އަދި އޭނާ އަކީ ކުޅިވަރުގެ ބައެއް ހަރަކާތްތަކާއި ވަރަށް ދޯޅު މީހެއްކަން އޭނާގެ ވާހަކަތަކުން ހާމަވިއެވެ.

"އަހަރެން ވިހޭ އިރު ވަރަށް ބޮޑުކޮށް އޮތީ. 5 ކިލޯ ހުރި އުފަންވި އިރު. އެއީ ފުދޭވަރަކަށް ބަރު. އެކަމަކު އަހަރެން ވަރަށް އެކްޓިވްކޮށް އުޅުނީ. ދުވާ އިރުވެސް ކުޑަކޮށް ތިބޭ ކުދިންނަށް ވުރެ ބާރަށް ދުވަން. ކުޅިވަރު ކުޅެ އުޅުނަސް ބޮޑަށް ފިޓުވީ ފުރާވަރުގައި. ގިނައިން ކުޅުނީ ބާސްކެޓްބޯޅަ އާއި ފުޓްބޯޅަ. އެހާ މޮޅެއް ނުވާނެ ކިޔަވަން. ވީހާވެސް ފޮތާއި ދުރުން އުޅުނީ. އެކަމަކު ނަސީބަކުން އޯލެވެލް ނިންމުނު." އޭނާ ބުންޏެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކުޅިވަރާއި ރައްޓެހި އާދަތަކެއް އަދީންގެ ކިބައިގައި އަށަގަނެފައި ހުރި ނަމަވެސް އެންމެ ފުރަތަމަ އަދީން އަދާކުރި ވަޒީފާ އަކީ އެއްވެސް ވަރަކަށް ފިޓްނެސް ދާއިރާ އާއި ގުޅުން ހުރި މަސައްކަތެއް ނޫނެވެ. ސްކޫލް ދައުރު ނިމުމާއި އެކު އެއާޕޯޓް ރެޕެއްގެ ގޮތުގައި އޭނާ އަދާކުރަން ފެށި މަސައްކަތް އޭނާ ނިންމާލީ ޝައުގުވެރި ދުވަސްތަކަކަށް ފަހު އޭގެ 7 އަހަރު ދުވަސް ފަހުންނެވެ. ފައްސި މާހައުލެއްގައި ސަކަރާތާއި ސަމާސާ ކުރުމުގައި އޭނާ އެތަނުގައި ވަޒީފާ އަދާކުރަމުން އައި އިރު ދުވަހަކުވެސް ފިޓްނެސް ދާއިރާ އާއި ގުޅިދާނެ ކަމަށް އުންމީދުކުރެވިފައެއް ނެތެވެ.

އަދީންގެ ފިޓްނެސް ހަޔާތުގެ ފެށުމުގެ ކުރިން އޭނާ އަށް ކުރަން ޖެހުނު ހިތި ތަޖުރިބާތަކެއްގެ ސަބަބުން އޭނާގެ ބަރުދަން އިތުރުވުމަށް މެދުވެރިވިއެވެ. އެއާޕޯޓް މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތަކަށް ގޮސް އުޅެނިކޮށް ފައި ބިންދައިގެން ދިޔަ ހިސާބުން އޭނާގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނުވިއެވެ. ޖިސްމާނީ ހަކަތަ ބޭނުންވާ ކުޅިވަރުތަކަސް އޮތް ލޯބި ކުޑަވެ، ދުވުން ފަދަ ކަސްރަތުތަކާއި އެއްކޮށް ދުރުވާން މެދުވެރިވިއެވެ. އެ ހާދިސާ އާއި އެކު އަދީން އަމިއްލަ ނަފްސަށް ކުރަމުން އައި އިތުބާރު ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދުޅަހެޔޮ ދިރިއުޅުމެއް ވޭތުކުރަމުން އައި އަދީންގެ ހަޔާތަށް އައި މި ބަދަލާއި އެކު ނަސީބު ދިމާކުރިގޮތުން އޭނާގެ ބަރުދަން އެތައް ގުނައެއް އިތުރުވިއެވެ. އެހެންނަމަވެސް 2017 އާއި ހަމައަށް އޭނާ އެކަމާއި މެދު ފަރުވާލެއް ނުބަހައްޓައެވެ. 2017 ވަނަ އަހަރު އޭނާގެ ބަރުދަން 100 ކިލޯ އާއި ހަމައަށް އެރުން ވެގެން ދިޔައީ ދިރިއުޅުމުގެ ކޮންޓްރޯލް އަމިއްލަ އަށް ނަގާ އަލުން ދުޅަހެޔޮވާން މަސައްކަތް ކުރަން ޖެހޭ ކަން އޭނާ އަށް އިހުސާސް ކުރުވި ކަމަކަށެވެ. .

"އެއީ ރަނގަބީލެއް. އެހިސާބުން ދުވަން ފެށިން. ދެން ފަތަން ވެސް ދިޔައިން. ބޮޑީ ބޯޑިން އާއި ސާފިން އަށް ވެސް ދިޔައިން އެކަމަކު އެކަން އެހާ ރަނގަޅަކަށް ނުކުރެވޭ. ހަށިގަނޑަށް އައި ބަދަލަށް ފެޓް ލޮސް ވަރަށް ކަމުދިޔަ. އެހިސާބުން ރިސަރޗްކޮށް ދަސްކުރަން ފެށީ. ކާމިޔާބުކަމާއި އެކު ބަރުދަން ލުއިކުރި މީހުން ކައިރިން އެނގުނީ ހިކޭ އިރު ލޫޒް ލްކިން ހުންނަކަން. އެހެންވެ މަސަލް ގެއިން ކުރުން ވެސް މުހިންމުކަން." އޭނާ ކިޔާދިނެވެ.

މެދު ނުކެނޑި އަދީން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އަކީ 40 ވަރަކަށް ކިލޯ ކާމިޔާބުކަމާއި އެކު ލުއިކޮށްލުމެވެ. ކުރި މިންނެތް މަސައްކަތުގެ ނަތީޖާގެ ކުލަ ރަނގަޅުވުމުން އަދީން އަށް ވެރިވީ ތަފާތު ޖަޒުބާތުތަކެކެވެ. އެހިސާބުން އެ އިހުސާސް އާއި އެ ޖަޒުބާތުތަކާއި ހަމައަށް އެހެން މީހުން ގެންގޮސްދިނުމުގެ ބައިވެރިއަކަށް ވާން އަދީން ނިންމިއެވެ. ފިޓްނެސް އިންސްޓްރަކްޓަރަކަށް ވާން އޭނާ ނިންމި ހިސާބަކީ އެއީއެވެ.

"ފެޓް ލޫޒްކޮށް މަސަލް ގެއިން ކުރަން މީހުންނަށް އެހީވާން ބޭނުންވީ. މި ދާއިރާއިން ކޯސް ހަދާ ކިޔަވަން ނިންމީ އެ ހިސާބުން. ކޮންމެ ދުވަހަކު ވެސް އެތައް ގަޑި އިރެއް ވަންދެން މިކަމާއި މެދު ރިސަރޗްކޮށް ދަސްކުރަން. މިހާރު މަސައްކަތް ކުރަނީ ޕީއެފްސީގައި. އޭގެ ކުރިން ފްރީލާންސްކޮށް އައުޓްޑޯގައި މަސައްތްކުރަނީ. ކެލެސްތެންޓިކްސް އަށް ބޮޑަށް ޝައުގުވެރިކަން ހުންނަނީ. އެއީ ބޮޑީ ވެއިޓް އެކްސަރސައިޒެސް." އޭނާ ބުންޏެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮންމެ ކްލައިންޓެއް ވެސް ކަނޑައަޅާ ލަނޑުދަނޑި އާއި ހަމައަށް އެ މީހަކު ގެންގޮސްދިނުމަށް މަސައްކަތްކޮށްދިނުމަކީ އަދީން އަށް ލިބޭ ހިތްހަމަޖެހުމެކެވެ. މިހާރު ކޮންމެ ދުވަހަކު ދުވަހަކު ވެސް ގާތްގަނަޑަކަށް ހަ ގަޑި އިރު އަދީން ޖިމުގައި ހޭދަކުރެއެވެ. އަދީން އަށް ކޮންމެ ކްލައިންޓެއްވެސް ޚާއްސައެވެ. ޚާއްސަ ނޫން ވަކި ކްލައިންތެއް ފާހަގަ ނުވާކަމަށް އޭނާ ބުނެއެވެ. އަދީން ގަބޫލު ކުރާގޮތުން އިންސްޓްރަކްޓަރެއްގެ ގޮތުގައި އޭނާ އަދާ ކުރާ ދައުރަކީ ވަޒީފާއެއް ނޫނެވެ. އެއީ އޭނާ ލޯތްބާއި އެކު ކުރާ މަސައްކަތެކެވެ.

"މަސައްކަތަކާއި މެދު އަހަރެން ހުވަފެނެއް ނުދެކެން. ޓްރެއިނަރ އަކަށް ވުމަކީ ވަޒީފާ އެއް ނޫން. އެއީ މީހުންނަށް އެހީވެދިނުމަށް އޮތް ލޯބި ފުރިހަމަކޮށްދޭ ކަމެއް." އޭނާ ބުންޏެވެ.

މި ދާއިރާ އިން އޭނާ ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް އަދީން އަށް ލިބުނީ މަންމަ އާއި ބައްޕަ، އަނބިމީހާ އަދި އާއިލާގެ އެހެން މެމްބަރުންގެ ފަރާތުންނެވެ. އެ މީހުންގެ އެއްބާރުލުމާއި އެކުވެސް މިދާއިރާގައި އޭނާ އަށް ގޮންޖެހުންތައް ދިމާވިކަން އަދީން ފާހަގަކުރެއެވެ. އަދީން ބުނާގޮތުން އޭނާ އަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ތަޖުރިބާއެވެ. ޔުނިވަރސިޓީ އާއި ތަޖުރިބާކާރުންގެ ދިރާސާތަކަށް ބަރޯސާވެގެން އޭނާގެ މަސައްކަތް ތަރުތީބުކުރަން އޭނާ ޚާއްސަ އިސްކަމެއް ދެއެވެ.

އަދީން ބުނާގޮތުން އާމްދަނީ ހޯދުމުގެ މަގުސަދުގައި އެކަނި ކުރަން މިއީ ރަނގަޅު މަސައްކަތެއް ނޫނެވެ. އެ ވިސްނުމުގައި މަސައްކަތް ކުރުމަކީ މަސައްކަތުގެ ފެންވަރު ދަށްވެ ކްލައިންޓުން ބޭނުންވާ ނަތީޖާ ނެރެދިނުމަށް އުނދަގޫވާނެ ސަބަބަކަށް ވުން އެކަށީގެންވާ ކަމަށް ވެސް އަދީން ބުނެއެވެ. މި ދާއިރާ އަށް ނުކުންނަން ވާނީ ވަރަށް ބޮޑަށް މި ދާއިރާ އާއި މެދު ޝައުގުވެރިކަން ހުރެގެން ކަން އޭނާ ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުރުގާ

    އަދީންގެ ބޮޑީ ފޮޓޯއެއް ނެއްތަ؟! އޭރުންދޯ އަހަރުންނައްވެސް އިނގޭނީ ތަޖުރިބާ ލިބިފަހުރިވަރު.

    6
    3
  2. Anonymous

    އެއިޑް ކެމްޕެއިން ގެ ވެސް އިސްބޭފުޅެއް އަދީން އަކީ. މަރުހަބާ. ކާމިޔާބަށް އެދެން

    19
    2
  3. ރާއްޖެތެރެ

    ހާސްސަކޮއް ފަލަސްތީނާ ސީރިޔާގެ ރައްޔިތުންނަ އެކީ އުޅުއްވާ ބޭފުޅެއް ސާބަހޭ ދަރިޔާ

    10
  4. ޔޫތުރެސް

    އަމިއްލަ މީހާ އިހަށް ފިޓުވެލާފަ ދެން މީހުން ފިޓުކުރަން އުޅޭނީ….

    5
    13
  5. ސަނީމާ

    ހުދު އަދީން ފިޓްހެން ހީނިވޭ..

    4
    4
  6. ލޮލް

    "ފިޓްނަސް އިންސްޓްރަކްޓަރު" ހާދަ "އަންފިޓު" ވައްތަރު ޖަހައޭ..!

    2
    3
  7. ތައުފީގ

    ޢަދީން އިންސްޓްރަކްޓަރެއްގެ ގޮތުގައި ވަރަށް ރަނގަޅު. ގަޑިއަށް ފަރުވާތެރި. އަދި ފިޓްނަސް ކަންކަމުގައި އުޅެނީ ވަރަށް ޝައުގުވެރި ކަމާއެކީ ކަން ފާހަގަ ކުރެވޭ. ކްލަޔަންޓުގެ ޙާލަތު ވަރަށް އަވަހަށް ވަރަށް ފުރިހަމަ ދެނެގަނެ އެމީހަކަށް އެންމެ ގުޅޭގޮތަކަށް އިންޖަރީ ނުވާނެހެން އެކަމަކު ފުދޭވަރަށް ހާޑްކޮށް ޕްރޮގްރާމް ޖައްަސަން ދަންނަ އިންސްޓްރަކްޓަރެއް ޢަދީނަކީ... މި ރޮނގުގައި ފާގަތި މުސްތަޤުބަލެއް ޢަދީނަށް ލިބުން އެދެން..

  8. ފިޝްސޫދު

    އަދީންއަކީ ފިޓް އަދި ފިޓްނަސް ދާއިރާގެ ޤާބިލް ޓްރެއިނަރއެއް. ފޮޓޯ ބަލާފަ މީހާ ޖަޖްނުކޮށް އަދީން ކައިރިއަށް އެކްސްޕީރިއަންސްއަށް ޖައްސާލަބަލަ.