މއ.ހިއްތަލަވިލާ އިން އެއް އަޑަކަށް އިވެނީ ހުނުމުގެ އަޑެވެ. މުޅި ގޭތެރެގައި ގުގުމާލާފައި ވަނީ ސަކަރާތާއި، ސަމާސާގެ ރާގެވެ. އެއްވާނަކަށް ގޭގައި ހިއްޕާލާފައި ވަނީ އުފާވެރި އިހުސާސްތަކުން ފުރިގެންވާ ޖަޒުބާތީ އަޑުތަކެވެ. އެ ސަކަރާތާއި މަޖަލަށް ފުރިހަމަކަމެއް ގެނެސްދިނީ 4 ބެއިންގެ ޖާޒުބީ އަޑުން ކިޔަމުން ދިޔަ މިއުޒިކީ ލަވަތަކެވެ. އެ ހަތަރުބެއިންގެ ނަމަކީ މިހާރު ދިވެހިންނަށް އާ ނަންތަކެއް ނޫނެވެ. އެއީ ޒަކިއްޓެ އާއި އަމާން އާއި ނާނަ އަދި ކޮކީގެ އަޑުން ގަތަމުން ދިޔަ ރީތި ލަވަތަކެވެ.

މި މިއުޒިކީ އާއިލާ ކުރިފޯދި ހެދިގެން އައީ މި ސަކަރާތާއި މަޖަލުގެ ތެރެއިންނެވެ. މއ.ހިއްތަލަވިލާ އިން އުފެދިގެން އައި ފަންނާނުންގެ ކުރިބޯށީގެ ވަސްމީރު ބަގީޗާގެ ފޮނިމީރުކަން ދިވެހިންނަށް މިހާރު ލިބެމުންދާ އިރު އޭގެ ތެރެއިން އެއް ފަންނާނަކީ މޫސާ އިޝާން (ކޮކީ) އެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮކީ ވަނީ އޭނާގެ ހުނަރުވެރި ލަވަކިޔުމާއި، ފުރިހަމަ ހުށަހެޅުންތަކުން އާއްމުންގެ ހިތުން ޖާގަ ހޯދާފައެވެ. ކޮކީ ހޯދި ކާމިޔާބަށް ކުރިއެރުން ގެނެސްދިނީ އޭނާގެ ސަކަ މިޒާޖުގެ ސަބަބުންކަމީ ސުވާލެއް އޮތްކަމެއް ނޫނެވެ.

ކޮކީ - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮކީ "ވަގުތު" އަށް ކިޔާދިން ގޮތުގައި އޭނާގެ މިއުޒިކް ހަޔާތުގެ ފެށުން އައީ އާއިލާގެ ތެރެއިންނެވެ.

"ޒަކިއްޓެ، އަމާން، ނާނަ އެންމެންވެސް އެހާ މަޖާ ވާނެ. މަންމަވެސް އެހާ މަޖާ ވާނެ. ބައެއް ދުވަސްދުވަހު ހެމުން ހެމުންގޮސް ރޮއެ. ދެން ކޮކީ ޝޯއަކަށް ގޮއްސިއްޔާ ވަރަށް ސަޕޯޓް ރަނގަޅުވާނެ. ވާދަވެރިވާނެ ވަރަށް. ކުރިންވެސް ގިއްކިޔާފައި ލަވަކިޔާނެ. ކޮކީ ބައްޕައަކީ ވެސް އަސްލު ލަވަކިޔާ މީހެއް. ބައްޕާދޭންވާނޭ ވަލީ އެއީ ކޮކީ ބައްޕަ ކިޔާފައި. ކޮކީ ބައްޕަ ލަވަކިޔެއްކަމަކު މަންމަ އަސްލު ކޮކީމެންނަށް ކުރިއަށް ދާން ހުރިހާ އެހީ އެއް ލިބޭ. އެކަމަކު ބައްޕަ ދެކެވެސް ވަރަށް ލޯބިވޭ ހަމަ." އޭނާ ބުންޏެވެ.

މިއުޒިކް ކެރިއާގެ ބިންގާ އެޅުމަށް ކޮކީ ހިޔާރު ކުރީ ބޮޑުބެރުގެ ތެރެއިންނެވެ. އޭނާ ބޮޑުބެރުގެ ތެރެއަށް ވަނީ ސްކޫލް ދައުރުގެ ތެރޭގައެވެ. ދައުލަތުގެ މީޑިއާއިން ބޭއްވި ބޮޑުބެރު ޗެލެންޖުގެ އެއްވަނަ ލިބުނު ދަންމާނު ގްރޫޕްގައި އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ފަހުން އޭނާ ފެނުނީ ބިދަބިން ބޮޑުބެރު ގްރޫޕުންނެވެ.

ކޮކީ - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބޮޑުބެރުގެ ތެރެއިން ވަނީ. އެއީ ވަރަށް ކުރިން. 2012 ގައި. އެރު 8 ނޫނީ 9 ގައި އުޅޭނީ. ބޮޑުބެރުގައި ކުރިން އުޅުނީ ދަންމާނުގައި. ދަންމާނުގައި އުޅުނު އިރު ބޮޑުބެރު ޗެލެންޖުން އެއްވަނަ ލިބުނު ދުވަހު ވަރަށް މަޖާވެސް ކޮށްލިން. އެއީ ވެސް ވަރަށް ހަނދާން ހުންނަ ދުވަހެއް. އެތާ ތިބި އެންމެންނާ ދިމާ އަށް ހަޅޭއްވެސް ލެވިން." އޭނާ ބުންޏެވެ.

ކޮކީ ބޮޑުބެރުގެ ޒަރީއާއިން މިއުޒިކްގެ ދުނިޔެ އަށް ވަތް ނަމަވެސް މާލޭގައި ނޫޅޭ އެތައް ބަޔަކަށް ކޮކީ އެނގުނީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 އާއި ހިސާބުންނެވެ. އައިޑޮލްގައި ކުރެވުނު ތަޖުރިބާ އާއި މެދު ކޮކީ ބުނީ އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

"ހުރިހާ ގޮތަކުން ވެސް ވަރަށް ސަޅީ. ވަރަށް މަޖާ ވާނެ އެންމެން އެއްކޮށް އުޅޭ އިރު. ވަރަށް ހަނދާން ހުރޭ ވަރަށް ކްލޯޒް ފްރެންޑެއް މަންނު އޭނަ ޓޮޕް 16 އަށް ދާން އުޅެނިކޮށް ކެޓީމަ ވަރަށް ދެރަވި. ވަރަށް ރުއިން. ސަކަރާތެއް ވެސް ނުޖެހުނު އެރޭ." ކޮކީ ބުންޏެވެ.

އެހެންނަމަވެސް އުންމީދުކުރިގޮތާއި ހިލާފަށް އައިޑޮލްވެގެން ދިޔައީ އޭނާ އަށް ބައެއް އުނދަނގޫ ތަޖުރިބާތައް ވެސް ކުރަން ޖެހުނު ދަތުރަކަށެވެ. އެގޮތުން ޝޯގެ ޓޮޕް 16 އިން ކެޓުމަކީ އޭނާ އަށް ދިމާވި ގޮންޖެހުމެއްކަން ކޮކީ ފާހަގަކުރިއެވެ.

"ބައެއް ފަހަރު ވަރަށް ބިރުވެރިވެސްމެ. އެއީ މޫސާ ވަސީމު ކަޓަނީ ކާކުކަން ބުނެދޭ އިރު ބިރުވެރީ. އައިޑޮލް އަށް ދިއުމުގެ ކުރިން ހިތާނީ އަށް ގޮސް އުޅެން. އައިޑޮލް އަށް ދިއުމުގެ ކުރިންވެސް މީހުންނަށް ކޮކީ އިނގޭނެ. ޝޯތަކަށް ވެސް ދަން. ޓޮޕް 16 އިން ކެޓީމައި ކޮކީ އަރާފައި އިން ވަރަށް ވުރެ ބޮޑަށް ވެއްޓުނީހެން ހީވަނީ." އޭނާ ބުންޏެވެ.

ކޮކީ - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮކީ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ކުޅަދާނަ ހުށަހެޅުންތެރިއެކެވެ. އޭނާ ވަނީ ގޯޕްލަސްގައި ތަފާތު އެކި ހުށަހެޅުންތައް ހުށަހަޅާދީފައެވެ. އަދި ކޮކީ ބޭނުންވަނީ މުސްތަގުބަލުގައި މިއުޒިކަށް ވުރެ ބޮޑަށް ހުށަހެޅުމުގެ ދާއިރާއިން ކުރިއަށް ދާން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ކޮކީގެ ބިގް ޑްރީމް އަކީ ރިސޯޓް މިއުޒިކް އަށް ދާން. އަސްލު ބޮޑަށް ބޭނުމީ ޕްރެޒެންޓިން ދާއިރާއިން ކުރިއަށް ދާން. ލަވަކިޔުން ދޫކޮށްފައެއް ނޫން. އެކަން ހޮބީ އެއްގޮތުގައި ބައިންދާފައި ޕްރެޒެންޓިން އިން ކުރިއަށް ދާން ބޭނުމީ. މިސާލަކަށް ލަމް ގޮތަށް." އޭނާ ބުންޏެވެ.

ކޮކީގެ މަސައްކަތުގައި އޭނާގެ އާއިލާ އާއި ރަހުމަތްތެރިން އަދި ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރީ ޝުކުރުވެރިކަމާއި އެކުގައެވެ.

"އެންމެ ބޮޑު ސަޕޯޓަކީ އަނދުންގޭ މީހުން. އެކި ގޭގޭގައި އެހެން ތިބޭ މީހުން ވަރަށް ސަޕޯޓްދޭ. އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މަންމަ ފަރާތުން ދެން އެންމެ ގާތް ރައްޓެހިންނާއި އާއިލާ. އަބްދުﷲ ހިޝާން ބެސްޓީގެ ފަރާތުން އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ" އޭނާ ބުންޏެވެ.

ނިންމާލުމުގެ ކުރިން ބަލާލަން މުހިންމު ކަމެއް އެބައޮތެވެ. އެއީ ކޮކީގެ ނަން އައި ގޮތުގެ ވާހަކައެވެ. ކޮކީ ބުނާގޮތުން މިއީ އޭނާ އަށް އޭނާގެ މަންމަ ލޯބިން ދިން ނަމެކެވެ. އަދި އޭނާގެ ރަހުމަތްތެރިންނާއި އާއިލާ މީހުންވެސް އޭނާ އަށް ކޮކީ ކިޔަން ފެށުމުން އެ ނަން ހަރުލީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޗާނާ

    މީ ދެންކާކު ދޭބަލަ ޓިކްޓޮކް ކުޅެން

    8
    1
  2. Anonymous

    މިއުޒިކަކީ ހަރާމް

    1
    1
  3. Anonymous

    ބަލަ ބޮޑު ރިޕޯޓް ޖަހާފަ ގެންނަންވީ މިޔެތް ނޫނޭ ގެންނަންވީ ލާދީނީ ރިޕޯޓް ގެ ވާހަކައޭ

  4. karefa naseem

    mee varah halaagu gos meheeh

    1
    1