މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަސް ވެގެން ދިޔައީ ބޮލީވުޑު ސަޕޯޓަރުންނަށް ހިތްދަތި ދުވަހަކަށެވެ. ބޮލީވުޑުގެ އަރަމުން އައި ތަރިއެއް ކަމުގައިވާ ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ޚަބަރާއި ގުޅިގެންނެވެ.

ސުޝާންތުގެ މުމްބާއީ އެޕާޓްމަންޓުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުތާ މިއަދަށް އަހަރެއް ވީއެވެ. ނަމަވެސް އޭނާގެ ސަޕޯޓަރުންގެ ހިތުން އެ ހަނދާންތައް އަދި ވެސް ނުފިލާ ކަން އެނގެނީ މިއަދު ސުޝާންތުއަށް ހެޔޮ ދުޢާކޮށް ކޮށްފައިވާ ޕޯސްޓުތަކުންނެވެ. ސަޕޯޓަރުންގެ އިތުރުން ފިލުމު އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކުން ވެސް ދަނީ ސުޝާންތުއަށް ހެޔޮ ދުޢާކޮށް މީސް މީޑިޔާގައި ޕޯސްޓު ކުރަމުންނެވެ.

އެކްޓިންގެ ދުނިޔޭގައި އެތައް ކާމިޔާބެއް ހާސިލު ކޮށްފައިވާ ސުޝާންތުއަކީ އެކްޓު ކުރުމުގެ އިތުރުން އެހެން ކަންތައްތަކަށް ވެސް ވަރަށް ޝައުގުހުރި ފަންނާނެކެވެ. އެގޮތުން ސުޝާންތު ޝައުގުވެރިކަން ހުރި 5 ކަމަކީ:

މިޔުޒިކް

އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ކޮށްފައިވާ ޕޯސްޓުތަކުން މިޔުޒިކް ކުޅުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެއްކަން ދޭހަވެއެވެ. ވަކީން ހާއްސަކޮށް ގިޓާ ކުޅުމަކީ އޭނާ މާގަޔާވާ ކަމެކެވެ.

ޅެންވެރިކަން

ސުޝާަންތުގެ އަތުގައި އޮތް ޓެލެސްކޯޕުން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ކެޕްޝަންގައި ލިޔެފައިވާ ޅެމުން ވެސް އޭނާ މިކަމަށް ހުންނަ ޝައުގުވެރިކަން އެނގެއެވެ.

ނެށުން

އެކްޓިން ފެށުމުގެ ކުރިން ވެސް ސުޝާންތުއަކީ އެވާޑް ހަފުލާތަކުގައި ބެކް ސްޓޭޖު ޑާންސާއެއްގެ ގޮތުގައި އުޅެފައިވާ ފަންނާނެކެވެ. އޭނާގެ ފިލުމުތަކުގައިވާ ނަށާ ލަވަތަކުން ވެސް މިކަމަށް ހުނަރުވެރި ފަންނާނެއްކަން ދޭހަވެއެވެ.

ކުރެހުން

އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ އޭނާގެ ކުރެހުންތަކުން ވެސް މިކަމަށް އޮތް ޝައުގުވެރިކަމާއި ހުނަރުވެރިކަން ދޭހަވެއެވެ.

ކުޅިވަރު

ފިލުމު އެމްއެސް ދޯނީގައި ދައްކުވައިދީފައިވާ މޮޅު އެކްޓިންގެ ސިއްރަކީ އޭނާ ކުޅިވަރަށް ހުންނަ ޝައުގުވެރިކަންކަމަށް އެ ފިލުމުގެ ޓީމުގެ ފަރާަތުން ބުނެފައިވެއެވެ.

ބޮލީވުޑުން ގެއްލިގެން އެ ދިޔައީ އަގުހުރި ޖަވާހިރެއް ކަމަށް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.