އެމެރިކާގެ އޮކްލޮހޯމާގެ ޖަލުތަކުގައި ތިބޭ ގައިދީންނަށް ޓެބެލްޓް ދޭން ފަށައިފިއެވެ.

ގައިދީންގެ އެކަނިވެރިކަން ފިލުވައި، އެމީހުންނަށް ހުސްވަގުތުތަކުގައި ކުރާނެ އިތުރު ކަންތައްތައް ފަހިކޮށްދިނުމަށް ޓެބްލެޓް ދިން ނަމަވެސް މިޓެބްލެޓުން ކުރެވޭނެ ކަންކަން ވަނީ ލިމިޓް ކޮށްފައި ކަމަށް ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ފޯރުކޮށްދޭ ޓެބްލެޓްތަކަކީ ކޮމިއުނިކޭޝަން ކުންފުންޏެއް ކަމަށްވާ "ސެކްރަސް ޓެކްނޮލޮޖީސް" އިން ބައެއް ބަދަލުތައް ގެނެސް ޖަލުގެ ސިޔާސަތުތަކާއި އެއްގޮތައް ބައެއް ހިދުމަތްތައް ބްލޮކް ކޮށްފައިވާ ޓެބްލެޓް ތަކެކެވެ.

ޓެބްލެޓް އިން ހިލޭ ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ބައެއް ފޮތްތައް ކިއުމާއި، ނަފްސާނީ އެހީތެރިކަން ހޯދުން ހިމެނެއެވެ. ފައިސާ ދެއްކުމުން މިއުޒިކް އަޑުއެހުމާއި ފިލްމް ބެލުމާއި ގޭމް ކުޅުމާއި އަދި ޓީވީ ޕްރޮގްރާމްތައް ބެލުމުގެ ފުރުސަތު ވެސް ގައިދީންނަށް ޓެބްލެޓް މެދުވެރިކޮށް ލިބޭނެއެވެ. އަދި އާއިލާ މެންބަރުންނަށް މެސެޖް ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ނަމަވެސް މިޓެބްލެޓުން އިންޓަނެޓަކަށް ނުވަދެވޭނެއެވެ.

އޮކްލޮހޯމާގެ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވިދާޅުވާ ގޮތުގައި ގައިދީންނަށް ޓެބްލެޓް ދޭން ފެށުމުން ގައިދީންނަށް އަމާޒުކޮށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އަދި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ.

މީގެ ކުރިން އެމެރިކާގެ އެރިޒޯނާ، ކަރެކްޓިކަޓް އަދި އުޓާގައި ވެސް ވަނީ ގައިދީންނަށް ޓެބްލެޓް ދޭން ފަށާފައެވެ. ނަމަވެސް އޮކްލޮހޯމާގެ ގައިދީންނަށް ދިން ޓެބްލެޓްތަކަށް ވުރެ އެހެން ސްޓޭޓްތަކުގައި ދީފައިވާ ޓެބްލެޓްތަކުން ކުރެވޭ ކަންކަން މަދުކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮލިީ

    ރަނގަޅު ކަމެއް.