ގިނަ އަންހެނުންނަކީ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި "ހެއާ ޑްރަޔާރ" އަދި "ހެއާ އަޔަން" ފަދަ ހޫނުކުރާ އާލާތްތައް ބޭނުންކުރާ މީހުންނެވެ. މި އެއްޗިހީގެ ސަބަބުން މީހާގެ އިސްތަށިގަނޑު ކިތަންމެ ރީތިވިޔަސް މިއީ ހަމަ ވަގުތީ އުފަލެކެވެ. މި އެއްޗިއްސަކީ އިސްތަށިގަނޑު ދެކެ ލޯބިވެ އިސްތަށިގަނޑަށް އަޅާލައި ގިނަ ދުވަސްވަންދެން ގެންގުޅެން ބޭނުންވާ މީހުން ބޭނުންކުރާނޭ އެއްޗިއްސެއް ނޫނެވެ.

މިގޮތުން "ހެއާ ޑްރަޔާ"އަކީ އިސްތަށިގަނޑު ހަލާކުވުމަށް މެދުވެރިކުރުވައި އިސްތަށިގަނޑަށް ކެތްކުރެވޭ ވަރަށް ވުރެ ބޮޑު ދަތިކަމެއް ކުރިމަތިކުރުވާ އެއްޗެއްކަމަށް "ހެއާރ ސްޓައިލިސްޓުން" ވަނީ ހާމަކޮށްފައެވެ. އަދި ރަނގަޅަށް ނުހިކޭ އިސްތަށިގަނޑަކީ ވަރަށްވެސް ނާޒުކު އެއްޗެއްކަމަށް މި ފަރާތްތަކުން ބުނާއިރު މިފަދަ ހާލަތްތަކުގައި އިސްތަށިގަނޑު އަމިއްލައަށް ހިކެންދެން މަޑުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް މި ފަރާތްތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

"ހެއާ ޑްރަޔާރ" ބޭނުންކުރުމުގެ ސަބަބުން އިސްތަށިގަނޑު ތުނިވެ އިސްތަށިތަކުގެ ބާރު ކެނޑެން މެދުވެރިކުރުވާކަމަށް ތަޖުރިބާކާރުން ބުނާއިރު މިހެން ދުވަސްވާވަރަކަށް އިސްތަށިގަނޑުގެ ރީތިކަމާއި ވިދުން ގެއްލެންވެސް މެދުވެރިވެއެވެ.

"ހެއާ ޑްރަޔާރ" ބޭނުންކުރާނަމަ އެންމެ ރަނގަޅުގޮތަކީ ވީހާވެސް ހޫނު ދަށްކޮށްގެން ބޭނުންކުރުންކަމަށް މިކަމުގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ހެއާ ޑްރަޔާރ ބޭނުންކުރާއިރު މަދުވެގެން އިސްތަށިގަނޑާއި 6 އިންޗި ދުރުން ބޭނުންކުރުމަށްވެސް މި ފަރާތްތަކުން ވަނީ ލަފާދީފައެވެ. އަދި ތެތްކޮށް އޮންނަ އިސްތަށިގަނޑެއް ތުވާލިން ހިއްކާއިރުވެސް އެންމެ ރަނގަޅުގޮތަކީ ވީހާވެސް މަޑުމަޑުން ހިއްކުމެވެ. ސަބަބަކީ އިސްތަށިގަނޑު ތެމިފައި އޮންނަ ވަގުތު ފަސޭހައިން ހަލާކުވާތީއެވެ.