ކައިވެންޏަކީ ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ކުރާނެ އެންމެ ބޮޑު އެއް ކަންތަކެވެ. އެދުވަހަކީ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ދުވަސްވެސްމެއެވެ. އެހެންކަމުން، އެއީ ހަނދާން ހުންނަ، ތަފާތު އަދި އުފާވެރި ދުވަހަކަށް ހެދުމަށް ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެއެވެ. ކޮންމެވެސް، ގޮތަކުން އެކަން، އެހެން މީހުންނާ ތަފާތުކޮށް ކުރަން މަސައްކަތް ކުރާނެއެވެ.

އެގޮތުން، ޖަރުމަނުވިލާތުގައި މި ދެމަފިރިންގެ ކައިވެނި ކުރިއަށް ގެންދަން ބޭނުންވީ ތަފާތު ގޮތަކަށެވެ. މި ދެމީހުން ބޭނުންވީ މިކަން ހަމަ ބިމުގައި ތިބެގެން ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި، އެއަށްވުރެ މައްޗަށް އަރައިގެން އެކަން ކުރާށެވެ.

ނިކޯލް ބަކާއުސް އަދި ޖެންސް ކޮނަރ ކައިވެނިކުރަން ތިބީ މަތީގައި ދަމާފައި އޮތް ދުގު ވާގަނޑެއްގައި އެކުވާފައި ހުރި އެއްޗަކަށް އަރައިގެންނެވެ. އެމީހުން އަރައިގެން ތިބި އެތި ހިފަހައްޓަން، މަތީގައި ސައިކަލެއްވެސް ހުއްޓެވެ. އަދި، ކައިވެނި ކޮށްދޭ މީހާ އަރައިގެން ހުރީ، އަލިފާން ނިވާ ލޮރީތަކުގައި ހުންނަފަދަ ހަރުގަނޑަކަށެވެ.

އެޤައުމުގެ ފެސްޓިވަލެއްގެ ތެރެއިން މި ކައިވެނި ކުރިއަށް ދިޔައިރު، ތިރީގައި ތިން ހާހެއްހާ މީހުން، މި މަންޒަރު ބަލަން ތިބިކަމަށް ޖަރުމަނުގެ ނޫސް އެޖެންސީތަކުން ބުނެފައިވެއެވެ.

ކޮންމެއަކަސް، ދެ ޙަޔާތް ގޮށް ޖަހާލަން، މި މީހުން މި ކުރީ ވަރަށް ނުރައްކާތެރި ކަމެއްވެސްމެއެވެ.