ކެންސަރު ބަލީގައި ދުވަސްތައް ގުނަމުންދާ އަބީޝެކް ޖެއިން ނަމަކަށް ކިޔާ އިންޑިއާ ކުއްޖެއްގެ ފަހު ހުވަފެން ހަގީގަތަކަށް ހަދައި ދިން މީހަކަށް ބޮލީވުޑުގެ އެކްޓަރު ސޯނު ސޫދުވެއްޖެއެވެ.

އަބީޝެކްގެ ފަހު ހުވަފެނަކީ ނިކަމެތިންނަށް އެހީތެރިވުމުގައި ދެގޮތެއް ނުވެ ހުރި އިންސާނިޔަތަށް ނަމޫނާ ދައްކަމުންދާ ސޯނޫ ސޫދުއާ ބައްދަލުވުމެވެ.

ކޮވިޑުގެ މި ހިތްދަތި ވަގުތުގައި މެދުކެނޑުމެއް ނެތި އެހީތެރކަން ފޯރުކޮށްދެމުންދާ ސޯނޫ އޭނާގެ ބުރަ ތާވަލުން ވަގުތު ކޮޅެއް ހުސްކޮށްލައި ސޯނޫ ސޫދު ވަނީ އަބީޝެކްއާ ބައްދަލުކޮށްފައެވެ.

ސޯނޫ ސޫދުއާ ދިމާވެ ހުވަފެން ހަގީގަތަކަށްވުމުން އަބީޝޭކް ހުރީ ވަރަށް އުފަލުންނެވެ. ސޯނޫ ސޫދުއާ ބައްދަލުވެ ސަލާމް ކޮށްލެވުމުން އަބީޝޭކް ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނީއެވެ.

އަބީޝެކް ހާލު ބަރާބަރަށް ބަލާނެ ކަމަށާއި އަބަދުވެސް ގުޅާނެ ކަމަށް ބުނެ ސޯނޫ ސޫދު ވަނީ އަބީޝެކްއަށް ހަދިޔާއެއް ވެސް ދީފައެވެ.

އާއްމުންގެ ފަރާތުން އެހާ ލޯބި ލިބޭތީ އެކަމާއި އުފާވެފައި ހުރި ސޯނޫ ސޫދު އެންމެންނަށް ޝުކުރު އަދާކޮށްފައިވަނީ އޭނާ ކުރި ޓުވީޓެއްގައެވެ.

''މި ދިރިއުޅުމުގައި އަހަރެންނަށް ކޮންމެވެސް ކަމެއް ރަނގަޅަށް ކުރެވުނީމަ ކަން ނޭނގެ ކޮންމެ ދުވަހަކު އެތައް ބައެއްގެ ލޯބި އަހަރެންނަށް މި ލިބެނީ. ހުރިހާ ހިތްދަތިކަމެއް އަަވަހަށް ނެތި ދިޔުމަށް އަހަރެން އެދެން. ޝުކުރިއްޔާ'' ސޯނޫ ސޫދުގެ ޓުވީޓުގައި ވެއެވެ.

އެހީއަށް އެދި ސޯނޫ ސޫދުގެ ގެ ކައިރިއަށް އަންނަ ހުރިހާ ފަރާތްތަކަކަށް ވެސް އޭނާގެ އެހީތެރިކަން ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު