އިންޑިއާގެ މުމްބާއީގެ ބެންޑްރާގައި މޫދު ފެންނަ ގޮތަށް ހުރި ސުޝާންތުގެ އެޕާޓްމަންޓު ކުއްޔަށް ދޫކުރާ ގޮތަށް ނިންމައިފިއެވެ.

މި އެޕާޓްމަންޓު ގަތުމަށް އެތައް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި އެޕާޓްމަންޓުގެ ވެރި ފަރާތުން ބުނި ގޮތުގައި ކޮވިޑްގެ ކަންކަން ހަމަޔަކަށް އެޅުމުން މިހާރަށް ވުރެ ގިނަ މީހުން މި އެޕާޓްމަންޓު ގަތުމަށް ބޭނުންވާނެ ކަމަށެވެ.

މި އެޕާޓްމަންޓު ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަކީ މިހާތަނަށް ވެސް ސުޝާންތުއަށް ސަޕޯޓްކޮށް އޭނާއަށް އިންސާފު ހޯދައިދިނުމަށް ވާހަކަ ދައްކާފައިވާ މީހުންނެވެ.

މި އެޕާޓްމަންޓު ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ މަހަކަށް 19،117.32 ޑޮލަރަށެވެ. ސުޝާންތު މި އެޕާޓްމަންޓުގައި އުޅުނުއިރު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޭނާ ވަނީ މި އެޕާޓްމަންޓަށް މަހަކަށް 6،144.77 ޑޮލަރު ދައްކާފައި ކަމަށް ވެސް އެޕާޓްމަންޓު ކުއްޔަށް ދޫކުރާ ފަރާތުން ވަނީ ބުނެފައެވެ.

ސުޝާންތުގެ މި އެޕާޓްމަންޓުގެ ކޮންޓްރެކްޓް ހަމަވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރަށެވެ. ސުޝާންތު މި އެޕާޓްމަންޓުގައި އުޅެފައިވަނީ އޭނާގެ ރަހުމަތްތެރިޔަކާއި އަދި ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއާއެކު ކަމަށް ވެސް އެޕާޓްމަންޓް ކުއްޔަށް ދޫކުރާ ފަރާތުން ބުނެފައިވެއެވެ.

''މި އެޕާޓްމަންޓަކީ މޫދު ފެންނަ ގޮތަށް ހުރި ތަނެއް. އަދި އުފެންދުންތެރި ފަރާތްތަކުން ވަޒީފާ އަދާކުރުމަށް މުމްބާއީއަށް ދިރިއުޅުން ބަދަލު ކުރުމަށް މިއީ ރަނގަޅު ތަނެއް. ކޮރޯނާ ވައިރަސް ކަންތައް ހަމައަކަށް އެޅި ބޭރުގެ ފަރާތްތަކުން ވެސް މި އެޕާޓްމަންޓަށް ޝައުގުވެރިކަން ފާޅުކުރާނެ'' އެޕާޓްމަންޓާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކުއްޔަށް ދޫކުރާ ފަރާތުން ބުނެފައިވެއެވެ.