ކެޕްޓަން މާވެލްސްގެ ސީކުއަލް ފިލުމު ދި މާވެލްސްގައި ދެކުނު ކޮރެޔާގެ ހުނަރުވެރި އެކްޓަރ ޕާކް ސިއޮ ޖޫން ފެނިދާނެ ކަމަށް އިންޑަސްޓްރީ ރިޕްރެޒެންޓެޓިވް ބުނެފިއެވެ.

އިންޑަސްޓްރީ ރިޕްރެޒެންޓެޓިވް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެޕްޓަން މާވެލްސްގެ ސީކުއަލް ދި މާވެލްސްގެ ޝޫޓިއަށް މި އަހަރު ފަހުކޮޅު އެކްޓަރ ޕާކް ސިއޮ ޖޫން އެމެރިކާއަށް ދާނެ ކަމަށެވެ. މިހާރު ސިއޮ ޖޫން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓް ''ކޮންކްރީޓް އުޓީޕިއާ'' ގެ މަސައްކަތް ނިންމާލުމަށް ފަހުއެވެ.

މި ބަޔާނާއި ބެހޭގޮތުން ޕާކް ސިއޮ ޖޫންގެ އެޖެންސީ އޯސަމް އެންޓަޓެއިންމަންޓުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ނިއާ ދަ ކޯސްޓާ ޑައިރެކްޓް ކުރާ މި ފިލުމުން ރީ ލާސަން، ތެޔޮނާ ޕެރިސް، އިމާން ވެލާނީ ފެނިގެންދާނެއެވެ. އަދި ޕާކު ސިއޮ ޖުން މި ފިލުމު ކުޅޭނަމަ މިއީ މާވެލްސްގައި ދެކުނު ކޮރެޔާގެ އެކްޓަރަކު ފެނިގެންދާނެ ދެވަނަ ފަހަރެވެ.

ދި މާވެލްސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ.

އެކްޓަރ ޕާކް ސިއޮ ޖޫންގެ ސަޕޯޓަރުން ދަނީ މި ފިލުމުން ސިއޮ ޖޫން ފެންނާނެ ކަމަށް އިންތިޒާރު ކުރަމުންނެވެ.

އުމުރުން 32 އަހަރުގެ މި އެކްޓަރއަކީ ދެކުނު ކޮރެޔާގެ އިތުރުން އެހެން ގައުމުތަކުން ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރެކެވެ. ސިއޮ ޖޫންގެ އެކްޓް ކުރުމުގެ ހުނަރުވެރިކަން ދައްކާލާ އެތައް އަންހެން ކުދިން ސަޕޯޓަރުންނެއް އޭނާގެ ޖާދޫގައި ޖައްސާފައިވާ އެކްޓަރެކެވެ.

ސިއޮ ޖޫން ކުޅެފައިވާ ޑުރާމާތަކުގެ ތެރެއިން ''ހުވަރަންގް''، ''ފައިޓް ފޮރ މައި ވޭ''، ''ކިލް މީ ހީލް މީ''، އިތައެވުން ކުލާސް'' ފަދަ ޑުރާމާތައް ހިމެނެއެވެ.