ފުލުހުންނަށް ބާގަރ ހިލޭ ނުދިނުމުން ޕާކިސްތާނުގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ 19 މުވައްޒަފުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ލާހޯރުގައެވެ.

މި އަހަރުގެ ޖޫން 12 ވަނަ ދުވަހު ހިނގާފައިވާ މި ހާދިސާއާއި ގުޅިގެން ރެސްޓޯރެންޓުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މިފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

''ހިލޭ ބާގަރ ދިނުމަށް ފުލުހުން އަމުރު ކުރުމަކީ މިހާރު އާއްމު ކަމެއް. ހިލޭ ބާގަރ ދިނުމަށް އިންކާރު ކުރުމުން މެނޭޖަރުންނަށް އިންޒާރު ދިނުމަށް ފަހު ދިޔައީ. އެމީހުން ދިޔައީ އަނެއް ދުވަހު ވެސް އައިސް އަހަރެމެންނަށް އުދަނގޫކޮށް ބިރުދެއްކުމަށް އަންނާނެކަމަށް ބުނެފަ'' ރެސްޓޯރެންޓުގެ ފަރާތުން ނެރުނު ބަޔާނުގައިވެއެވެ.

މި ފުލުހުން އެ ރެސްޓޯރެންޓުން ހިލޭ ބާގަރ ކެއުމަށް އެތައް ފަހަރަކު އައިސްފައިވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް މެނޭޖުމަންޓުން އެކަމަށް އިންކާރު ކުރާތީ ފުލުހުންނާއި މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން ހިނގައެވެ.

ޖޯނީ އެންޑް ޖުގްނޫގެ ނަމުން ނަންދީފައިވާ މި ރެސްޓޯރެންޓުގެ މުވައްޒަފުން ހައްޔަރު ކުރުމުގެ މައްސަލަައިގައި ނުވަ ފުލުހެއް ވަނީ ސަސްޕެންޑްކޮށްފައެވެ.

''ގާނޫނާއި ހިލާފަށް އެއްވެސް މީހަކަށް ނޫޅެވޭނެ. ނާއިންސާފަށް ކަންތައް ކުރާ މީހުންނަށް ޖާގައެއް ނެތް. އެ އެންމެންނަށް ވެސް އަދަބު ދެވޭނެ'' ސީނިއާ ޕްރޮވިންޝިއަލް ޕޮލިސް އޮފިސަރ އިނާމް ޣަނީ ކުރި ޓުވީޓެއްގައިވެއެވެ.

އިނާމްގެ މި ޓުވީޓުގައި އެކަމުގައި ބައިވެރިވި ފުލުހުންނާއި އެ ޕޮލިސް ސްޓޭޝަންގެ ބޮޑެތި މީހުން ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށް ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު