ކެލިފޯނިޔާގައި ގެއަކަށް ވައްކަން ކުރަން ވަތް މީހަކު އެ ގެއިން ފެންވަރާލައިގެން ތުވާއްޔެއް އަނދެގެން ސިޑިން ފައިބަނިކޮށް ގޭގެ ވެރި ފަރާތަށް ފެނިއްޖެއެވެ.

ގޭގެ ވެރިފަރާތް ކަމުގައިވާ ސްޓީވް ބެއުއަރ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ގޭގެ މަތީ ފަންގިފިލާގައި ހުރި ފާހާނާއިން ފެން އަންނަ އަޑު އޭނާގެ އަންހެނުންނަށް އިވުނު ކަމަށެވެ.

އެދުވަހުގެ 11 ޖަހާއިރު އޭނާގެ އަންހެނުން ތިރީގައި ޓީވީ ބަލަން އިންދާ މަތިން ފެންވަރާ އަޑު އިވުމުން ވަގުތުން އޭނާއަށް ގުޅާފައި މަތީގައި މީހަކު އުޅޭ ކަމަށާއި ފެންވަރާ އަޑު އިވޭ ކަމަށް ބުނެފައިވެއެވެ.

ބެއުއަރ އަތުގައި އޮތް ބަޑި ހިފައިގެން ވަގާއި ކުރި މަތިލުމަށް ތައްޔާރުވެގެން ދިޔުމުން ލިބުނީ ކުއްލި ސިހުމެކެވެ. ވަގުކަލޭގެ ފެންވަރައިގެން ތުވާއްޔެއް އަނދެގެން ސިޑިން ތިރިއަށް ފައިބަނީއެވެ.

މި ފެނުނު މަންޒަރުން އަޖައިބު ވީ ނަމަވެސް ބެއުއަރ ވަނީ ވަގާއި ދިމާއަށް ބަޑި އަމާޒު ކޮށްފައެވެ. އަދި ފުލުހުން އަންނަން ދެން ބަޑި އަމާޒު ކޮށްގެން ހުރި ކަމަށް ބެއުއަރ ބުނެފައިވެއެވެ.

ގެއަށް ވަގަށް ވަތް ތިއާގޯ ނަމަކަށް ކިޔާ މި މީހާ ފުރަތަމަ ވަގަށް ނަގާފައިވަނީ އެ ގޭގެ ބަގީޗާގައި ބަހައްޓާފައި ހުރި އަގުބޮޑު އެއްޗެކެވެ. އެވަރުން ވެސް ނުފުދިގެން އަދި ވެސް އިތުރަށް އެއްޗެހި ބޭނުންވުމުން މަތީގެ ކުޑަދޮރެއްގެ ބިއްލޫރި ގަނޑު ތަޅާލުމަށް ފަހު މައްޗަށް އެރި ކަމަށް ވެސް ތިއާގޯ ބުނެފައިވެއެވެ.

ވައްކަން ކުރަން ގޭގެއަށް ވަންނަ ބައެއް ފަރާތްތަކުން މިފަދަ ބައެއް އަމަލުތައް ކުރާ ވާހަކައަކީ އާއްމުކޮށް އިވޭ ވާހަކަތަކެވެ.