އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ގާޒީޕޫރު ސަރަހައްދުގައި އޮންނަ ގަންގާ ކޯރުން އޮޔާ ދިޔަ ފޮއްޓެއްގެ ތެރެއިން 21 ދުވަހުގެ ތުއްތު ކުއްޖެއް ފެނިއްޖެއެވެ.

ގަންގާ ކޯރުން އޮޔާދަނިކޮށް އިއްޔެ ފެނުން ތުއްތު ކުއްޖާ ފުލުހުން ވަނީ ސަލާމަތް ކޮށްފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގް ކުރަމުން ދާއިރު، ކުއްޖާ ވަނީ އާޝާ ޖްޔޯތީ ކެންޑްރާ ޔަތީމް ހާނާއަށް ފޮނުވައިފައެވެ.

ކުއްޖާ ސަލާމަތް ކުރެވިފައިވާ ގޮތުގެ ތަފްސީލް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ އެ ސަރަހައްދުން ބޯޓެއްގައި ދަތުރުކުރަމުން ދިޔަ މީހަކަށް ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން، އޮޔާ ދިޔަ ފޮށި ބެލި ކަމަށެވެ. ފޮށީގެ ތެރޭގައި ތުއްތު ކުއްޖަކު ރަތް ކުލައިގެ ފޮތި ކޮޅެއް ގައިގައި އޮޅާލުމަށް ފަހު ބާއްވާފައިވާ އިރު، ހިންދޫން އަޅުކަންކުރަން ބޭނުންކުރާ އެއްޗެހީގެ ފޮޓޯތައް ފޮށީގެ ތެރޭގައި ބަހައްޓާފައި ހުއްޓެވެ. އޭގެ އިތުރުން ފުލުހުން ބުނީ އެ ފޮށީގެ ތެރެއިން ކުއްޖާ އުފަންވީ ދުވަހާއި އެފަދަ މައުލޫމާތު ލިބެންހުރި ޗާޓެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބާތް ޗާޓުގައި ލިޔެފައިވާ ގޮތުން ނަމަ ކުއްޖާއަށް ދެވިފައިވާ ނަމަކީ "ގަންގާ" ކަމަށެވެ. ތުއްތު ކުއްޖާ ބާއްވާފައި އޮތް ފޮއްޓަކީ އާ ފޮއްޓަކަށް ވެފައި، ހުރިހާ މައުލޫމާތަކާއި އެއްކޮށް ފޮށި އޮޔާދާން ދޫކޮށްލާފައިވުމުން ފުލުހުން ތުހުމަތުކުރަނީ އެކަން އެގޮތަށް ކުރަން ތައްޔާރުވެ، ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

ޑޮކްޓަރުން މައުލޫމާތުދޭ ގޮތުގައި ކުއްޖާގެ ހާލު ރަނގަޅެެވެ. އެ ސަރަަހައްދުގެ ރައްޔިތުން ވަނީ ކުއްޖާ ފެނިފައިވާ ސަރަހައްދުން ވަލު ތެރެއަށް ވަދެ މީހެއްގެ އިޝާރާތެއް ވޭތޯ ބަލައި ފާސްކުރަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު