އެމެރިކާގެ ކެންޓަކީގައި 2015 ވަނަ އަހަރު ތިން މީހަކު މަރާލި މައްސަލަ އެންމެގެ ލޯބި ހޯދި، ހަރުދަނާ ޕައިލެޓެއް ކަމަށްވާ ކްރިސްޓީން ރިޗަޑް މާޓިންގެ މައްޗަށް ސާބިތުވެއްޖެއެވެ.

ތިން ހަފްތާއަށް ދިގު ދެމިގެން ދިޔަ ޝަރީޢަތުގައި މާޓިންގެ މައްޗަށް ވަނީ އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ވެސް ސާބިތުވެފައެވެ. އޭގެ ތެރޭގައި މަރުގެ ތިން ދައުވާގެ އިތުރުން ހުޅު ޖެހުމުގެ ދައުވާއަކާއި، ހުޅުޖަހަން އުޅުމުގެ ދައުވާއަކާއި ހުއްދަ ނެތި ގެއަކަށް ވަނުމުގެ ދައުވާއަކާއި ހެކި ނައްތާލަން އުޅުމުގެ ތިން ދައުވާއެއް ވެސް ހިމެނެއެވެ.

މާޓިންގެ މައްޗަށް ސާބިތުވީ އޭނާގެ ތިން އަވައްޓެރިން މަރާލުމާއި ގުޅިގެން އުފުލި ދައުވާތަކެވެ. މާޓިންގެ އަވައްޓެރިން ކަމަށްވާ އެޑްވާޑް އާއި އަދި ދެމަފިރިން ކަމަށްވާ ކެލްވިއަން އާއި ޕަމެލާ މަރާލީ 2015 ވަނަ އަހަރުގެ ނޮވެމްބަރ 18 ވަނަ ދުވަހު އެވެ. ތިން މީހުން ވެސް މަރާލާފައި ވަނީ އެމީހުންގެ ގަޔަށް ބަޑި ޖަހައިގެންނެވެ.

ކެންޓަކީގެ އެޓާނީޖެނެރަލް ކެމެރަން ވިދާޅުވީ ގާތިލްގެ މައްޗަށް ކުށް ސާބިތުވުމަކީ ވަކިވެގެން ދިޔަ މީހުންގެ ރަހުމަތްތެރިންނާއި އާއިލާތަކަށް ލިބިފައިވާ ހިތާމައަށް ލިބޭނެ ލުޔެއް ނޫން ކަމަށާއި، ނަމަވެސް މިދުނިޔެ މަތިން ގާތިލަށް އަދަބު ކަނޑައެޅިގެން ދިއުން އެއީ ކާމިޔާބަކަށް ވާނެ ކަމަށެވެ.

މިމައްސަލަ އަށް އެޓާނީޖެނެރަލް ހާއްސަ ސަމާލުކަމެއް ދެއްވީ މައްސަލައިގެ ތަހްގީގު ކުރިއަށްދާ ގޮތާއި ގުޅިގެން ކެލްވިއަންގެ ދަރިއަކު 2017 ވަނަ އަހަރު ކަންބޮޑުވުން ފާޅުކުރުމުންނެވެ. ކެލްވިއަންގެ ދަރިފުޅު އެޓާނީޖެނެރަލް ކެމަރަން އާއި ބައްދަލުކޮށް މައްސަލައިގެ ތަހްގީގު އޮބިގެން ހިނގައިދާނެ ކަމަށް ބުނުމުން ސީދާ ކެމެރަންގެ ބެއްލެވުމުގެ ދަށުން މައްސަލައިގެ ތަހްގީގު ކުރިއަށް ގެންގޮސް މައްސަލަ ޝަރީއަތައް ހުށަހެޅިއެވެ.

މާޓިން އަކީ އެމެރިކަން އެއާލައިންގެ ދަށުން ހިންގަމުން އަންނަ ޕީއެސްއޭ ނަމަކަށް ކިޔާ އެއާލައިނެއްގެ ޕައިލެޓެކެވެ. އޭނާ ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ. އޭނާ ހައްޔަރުކުރީ ކެލިފޯނިއާ އަށް ފުރަން ފްލައިޓް ތައްޔާރުވެފައި ވަނިކޮށެވެ. ހައްޔަރު ކުރުމާއި ހަމައަށް އެއްވެސް މީހަކު މާޓިންގެ މައްޗަށް މިމައްސައިގެ ތުހުމަތެއް ނުކުރެއެވެ.

މާޓިންގެ މައްޗަށް ދައުވާތައް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް އަދި ހުކުމެއް ނީއްވައެވެ. އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ޝަރީޢަތް އަންނަ ހަފްތާގައި ބާއްވާނެ ކަމަށް ބެލެވެއެވެ.

މާޓިން އޭނާގެ އެންމެ ގާތް ތިން އަވައްޓެރިން މަރާލުން ވެގެން ގޮސްފައި ވަނީ އޭނާ އާއި ގާތުގައި މަސައްކަތް ކުރާ މީހުންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ތިޕައިލޮޓް މީހުންގެ ލޯބި ހޯދިގޮތެއް ލިޔެފައެއްނެތް..

    • ކާފާ

      ދެން އެބައިޖެހޭނީ ސާރޗްކޮށްގެން ހޯދަން..ކާފާ މިޒަމާނު ހުރިހާ އެއްޗެއް ސްޕޫންފީޑް ނުކުރާނެ..
      ދެން ބުނޭ ޔާމީން ވެރިކަމޭ..

      1
      1