އެމެރިކާއަށް އުފަން އުމުރުން 32 އަހަރުގެ އަންހެނަކު ޑްރަގް އޮވަރޑޮޒު ވެގެން މަރުވުމުން އޭނާގެ ތުއްތު ދަރިފުޅަށް ކާން ނުލިބި މަރުވެއްޖެއެވެ.

ދުނިޔޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓިފަނީ ސްޕިއާސް ނަމަކަށް ކިޔާ އެ އަންހެން މީހާއާއި އޭނާގެ 15 މަހުގެ ދަރިފުޅު ނިޔާވެފައި އޮތްވާ ފެނިފައިވަނީ ފެބްރުއަރީ 9 ވަނަ ދުވަހު އެމީހުންގެ ގޭތެރެއިންނެވެ.

އެގޮތަށް އެނގިފައިވަނީ ފުލުހުންގެ ޕްރޮބޭޝަން އޮފިސަރަކު ޓިފަނީގެ ހާލު ބަލާލަން އެގެއަށް ދިއުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އޭރު ދޮރު އިނީ ތަޅުލާފައި. ފެނުނީ ޓިފަނީ ބިންމައްޗަށް ވެއްޓިފައި އޮއްތަން. އަދި ކުއްޖާ އޮތީ ކާރު ގޮނޑިއެއްގައި" އޭނާ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އޭނާ ބުނި ގޮތުގައި ޓިފަނީ އާއި އޭނާގެ ދަރިފުޅު މަރުވެފައިވާއިރު، އެވަގުތު އެތަނުގައި އެހެން ކުއްޖަކު ހަރަކާތްތެރިވިއެވެ. އެކުއްޖާ އެވަގުތު ހުރީ މުޅި ގޭތެރޭގައި ދުވެ ދުވެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ކުއްޖާ މަރުވެފައިވަނީ ކާން ނުލިބުމުގެ ސަބަބުން ކަމަށާއި ޓިފަނީގެ އަނެއް ދަރިފުޅު އެ ކުއްޖާ އަށް ކާން ދޭން މަސައްކަތް ކުރި ކަމަށެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރިއިރު، އެގޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، އެގޭތެރެއިން ފެނިފައިވަނީ ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއް ކަމަށެވެ.

ޓިފަނީގެ އަނެއް ދަރިފުޅު ދިރިހުރި ނަމަވެސް، އެކުއްޖާއަށް ވެސް ރަނގަޅު ކާއެއްޗެއް ނުލިބުމުގެ ސަބަބުން ހާލު ދެރަވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓިފަނީ އަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމުން އޭނާ ވަނީ ފަރުވާ އަށް ފަހު ދޫކޮށްފައެވެ. އޭނާގެ ލޯބިވެރިޔާ އާއި ދެކުދިން ދިރިއުޅެމުން ދިޔައީ ވަކިން ގެއެއްގައެވެ. ނަމަވެސް ޓިފަނީ މަރުވި އިރު ލޯބިވެރިޔާ އެމީހުންނާ އެއްކޮށް އެގޭގައި ދިރި ނޫޅެއެވެ.