ދެހާސް ސޯޅަ ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިސްގެ ހޮޓަލެއްގެ ތެރޭގައި ކިމް ކާޑޭޝިއަން ހުއްޓާ އޭނާއާ ދިމާލަށް ބަޑި ދިއްކޮށް ބިރު ދައްކައިގެން އަޅައިެން ހުރި ގަހަނާތައް ވަގަށް ނެގި ފަހުން އޭނާ ގަހަނާ ނާޅައެވެ. އެ ހާދިސާ ހިނގިތާ މިހާރު ފަސްއަހަރުވެފައިވާ އިރު މަދުން ނަމަވެސް ގަހަނާ އަޅާކަމަށް އޭނާ ވަނީ ދާދި ފަހުން ބުނެފައެވެ. އަދި ބައެއް ފަހަރު ފޭކު ގަހަނާވެސް އަޅާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކާޑޭޝިއަން ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ރީޔޫނިއަންގައި ވާހަކަ ދައްކަމުން އުމުރުން 40 އަހަރުގެ ކިމް ބުނީ އޭނާ އަޅަނީ ބޭނުންކޮށްފައި އަނބުރާ ދޭގޮތަށް ހޯދާ ގަހަނާ އާއި ފޭކު ގަހަނާ ކަމަށެވެ.

ގަހަނާ ފޭރިގަތް ހާދިސާ އަށްފަހު ކިމްގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު އޭނާ ގޭގައި މިހާރު ގަހަނާ އަދި ފައިސާވެސް ރައްކާކޮށްފައި ނުބަހައްޓައެވެ. އަދި އެ ހާދިސާ އަށްފަހު ކިމްގެ ގޭގައި ސެކުއިރިޓީ އޮންނަނީ ވަރުގަދަ ކޮށްފައެވެ.

ކިމް ބުނީ ބިރުދައްކައި ފޭރިގަތް ހާދިސާއަށްފަހު އޭނާ މިހާރު ވަރަށް ބޮޑަށް ބަދަލުވެ ތަފާތު މީހަކަށް ވެއްޖެ ކަމަށެވެ. ކުރީގައި އަގުބޮޑު ކާރުތައް ގެންގުޅެ ރީތި ހެދުންތައް ލައި އުޅުނު ކަމަށާއި މިހާރު އެކަންކަންވެސް ތަފާތުވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އޮކްޓޯބަރު 2016 ގައި ފަސް މީހަކުވެގެން ކިމް ފޭރިގަނެ އޭނާ އަތުން ދެ ފޯނާއި ދިހަ މިލިއަން ޑޮލަރުގެ ގަހަނާ ގެންދިޔައެވެ. އޭގެ ތެރޭގައި ކިމްގެ ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓް ކިމްއަށް ދީފައިވާ ހަތަރު މިލިއަން ޑޮލަރުގެ ޑައިމެންޑް އަނގޮޓިވެސް ހިމެނެއެވެ.