މަޝްހޫރު ކޮރެޔޯގުރާފަރު ރެމޯ ޑި ސޫޒަރ އުފެއްދި އިންޑިއާގެ ފުރަތަމަ ޑާންސް ފިލުމުގެ ދެ ވަނަ ސީކުއަލްގައި ވަރުން ދަވަން ދައްކުވައި ދިނީ މަޝްހޫރު ނެށުންތެރިޔާ އަދި ޑައިރެކްޓަރ ސުރޭޝް މުކުންޑުއެވެ.

ވޯލްޑް ހިޕް ހޮޕް ޗެމްޕިއަންޝިޕްއިން އިންޑިއާ އަށް އެއް ވަނަ ހޯދައިދިން ޑާންސް ގުރޫޕުގެ ޑައިރެކްޓަރު ސުރޭޝް މުކުންޑުގެ މި ދަތުރުގައި ކަޑައްތު ކޮށްފައިވާ ހުރަސްތަކާއި ގިރާކޮށްފައިވާ ދަތި އުދަނގޫތަކާއި ކާމިޔާބު ހޯދި ގޮތް "އޭބީސީޑީ 2" ގައި ވަރުން ދައްކުވައިދީފައިވެއެވެ.

''ސުރޭޝް އެންޑް ވެނޮމް'' ގެ ނަމުގައި އުފައްދާފައިވާ މި ގުރޫޕު އިންޑިއާގެ ރިއަލިޓީ ޝޯއެއް ކަމުގައިވާ އިންޑިއާސް ގޮޓް ޓެލެންޓުގައި ފުރަތަމަ ފަހަރަށް ބައިވެރިވެ ފެއިލްވުމުން ދެ ވަނަ ފަހަރަށް ވެސް ބައިވެރިވެ ކާމިޔާބު ހޯދައިފައިވެއެވެ.

އޭގެ ފަހުން ވޯލްޑް ހިޕްހޮޕް ޗެމްޕިއަންޝިޕް އާއި އެންސީބީގެ ވޯލްޑް އޮފް ޑާންސް ކާމިޔާބު ކޮށްފައިވެއެވެ. ސުރޭޝް ވަނީ އެމީ އެވޯޑަށް ވެސް ނޮމިނޭޓް ވެފައެވެ.

ސުރޭޝްގެ މި އުނދަގޫ ދަތުރު ދައްކުވައިދީފައިވާ ފިލުމު އޭބީސީޑީ 2 ގެ ހަ ލަވަ ވެސް ކޮރެޔޯގުރާފް ކޮށްދީފައިވަނީ ސުރޭޝްއެވެ. އޭގެއިތުރުން އޭބީސީޑީ 2 ގެ އެސިސްޓެންޓް ޑައިރެކްޓަރަކީ ވެސް އޭނާއެވެ.

ނެށުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ފިލުމުން ވަރުންގެ އިތުރުން ޝްރަދާ ކަޕޫރާއި ޑާންސް އިންޑިޔާ ޑާންސްއިން މަޝްހޫރުކަން ހޯދާފައިވާ ރާގަވްއާއި ދަރުމޭޝްއާއި ޕުނީތުއާއި ލޮރެން ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ ޑާންސް މާސްޓަރ ޕްރަބޫ ދޭވާ ވެސް މި ފިލުމުގެ މުހިއްމު ރޯލެއް އަދާކޮށްފައިވެއެވެ.

އޭބީސީޑީ 2 އަށް ފަހު ރެމޯ ވަނީ ފިލުމު ސްޓްރީޓް ޑާންސަރ 3ޑީ ވެސް އުފައްދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު