އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އިންޓަވިއުއެއް ދިނުމަށް ތައްޔާރުވެއްޖެއެވެ. މިއީ މޭގަން އަށް ދެވަނަ ދަރިއަކު ލިބުނު ފަހުން މީޑިއާއަކަށް ދޭ ފުރަތަމަ އިންޓަވިއުއެވެ.

ހެރީ އާއި މޭގަންގެ ދެވަނަ ދަރިފުޅު ލިލީބެޓް "ލިލީ" ޑަޔާނާ އުފަންވީ މީގެ ދެހަފްތާ ކުރިންނެވެ.

އުމުރުން 39 އަހަރުގެ މޭގަން ދެވަނަ ދަރިފުޅު ލިބުނު ފަހުން ދޭ ފުރަތަމަ އިންޓަވިއު އަކީ އެންޕީއާރްގެ ސަމަންތާ ބަލަބަން އަށް ދޭ އިންޓަވިއުއެކެވެ. މިއީ މޭގަން ލިޔެފައިވާ ފޮތެއް ކަމަށްވާ "ދަ ބެންޗް" އާއި ގުޅޭ މައުލޫމާތު ހާމަކުރަން ދޭ އިންޓަވިއު އެކެވެ. އިންޓަވިއު ޓީވީން ދައްކާނީ އާދީއްތަ ދުވަހު މާލޭ ގަޑިން އިރުއޮއްސޭހާއިރުއެވެ.

މޭގަން ލިޔެފައިވާ ފޮތުގައި އޭނާ ހަދާފައިވާ ބައެއް ޅެންތައް ވެސް ހިމަނާފައި ވެއެވެ. މޭގަން ބުނާ ގޮތުގައި މިއީ އޭނާގެ ފިރިމީހާ ޕްރިންސް ހެރީ އާއި ދޮށީ ދަރިފުޅު އާޗީއަށް ލިޔެފައިވާ "ލޯބީގެ ސިޓީއެކެވެ."

މިއަހަރު ބައްޕައިންގެ ދުވަހު ނެރުނު މިފޮތް މިހާރު ވެސް ވަނީ ނިއުޔޯކް ޓައިމްސްގެ އެންމެ ވިކޭ ފޮތްތަކުގެ ތެރޭގައި ހިމެނިފައެވެ.

ފޮތުގައި ވަނީ މޭގަން ކުރަހާފައިވާ ދެވަނަ ދަރިފުޅު ލިލީގެ ފޮޓޯއެއް ވެސް ހިމަނާފައެވެ.

މިއީ އުމުރުން ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްފައިވާ ފޮތެކެވެ.

ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ މޭގަން އާއި ހެރީ އުފައްދާފައިވާ އާޗީ ފައުންޑޭޝަންގެ ހަރަކާތްތަކަށެވެ. މިފޮތް ވިއްކަނީ 18.99 އެމެރިކާ ޑޮލަރަށެވެ.