ދުނިޔެ އިން ތިން ވަނަ އަށް އެންމެ ބޮޑު ޖަވާހިރުތަކުގެ ތެރޭގައި ހިމެނޭ ޖަވާހިރެއް ބޮސްޓްވާނާއިން މިވަނީ ފެނިފައެވެ. އެކަމަކު، މިހާތަނަށް އައިއިރު ވެސް މި ޖަވާހިރުގެ އަގު ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދެ ވަނައަށް އެންމެ ބޮޑު ޖަވާހިރާ ވާދަކުރުމަށް މި ފަހުން ފެނުނު ޖަވާހިރު ލުއިވަނީ ހަމަ ކުޑަ ތަންކޮޅެކެވެ.

އެ ޖަވާހިރު ފެނިފައިވަނީ ބޮޓްސްވާނާގެ ސަރުކާރު ހިއްސާވާ ޖަވާހިރާ ގުޅުން ހުރި މަސައްކަތް ކުރާ ޑެބްސްވާނާ ޑައިމަންޑް ކޮމްޕެނީއަށް ޖްވަނެންގް ކިޔާ މައިންއަކުންނެވެ. މި ޖަވާހިރު ބޮސްޓްވާނާއިން ހޯދިފައިވަނީ މި މަހުގެ ކުރީކޮޅުއެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ޖަވާހިރުގެ ސަބަބުން ލިބޭ ފައިދާގެ ބޭނުންކުރާނީ ގައުމު ތަރައްގީ ކުރުމަށް ކަމަށެވެ.

ޖަވާހިރުގެ މިންތަކަށް ބަލާއިރު، ދިގުމިނުގައި 73 މިލިމީޓަރު އަދި ފުޅާ މިނުގައި 52 މިލިމީޓަރު ހުރެއެވެ. އޭގެ އިތުރުން ބޯ މިނުގައި 27 މިލިމީޓަރު ހުރެފައި ބަރުދަނުގައި 1،098 ކެރެޓު ހުންނަ ކަމަށް ބުނެފައިވެއެވެ.

މިހާތަނަށް ފެނުނު އެންމެ ބޮޑު ޖަވާހިރު ހޯދިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އެގޮތުން 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ހޯދި މި ޖަވާހިރުގެ ބަރުދަނުގައި 3،106 ކެރެޓު ހުއްޓެވެ. ދެވަނައަަށް އެންމެ ބޮޑު ޖަވާހިރުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ކެނެޑާއިން ފެނުނު ބަރުދަނުގައި 1،109 ކެރެޓު ހުރި ޖަވާހިރެކެވެ. ޖަވާހިރު ފެނި، އޭގެ ދެ އަހަރު ފަހުން އެ ވަނީ 53 މިލިއަން ޑޮލަރަށް ވިއްކާލައިފައެވެ.

ބޮސްޓްވާނާއަކީ ދެކުނު އެފްރިކާގެ ގައުމުތަކުގެ ތެރެއިން ގިނައިން ޖަވާހިރު ފެންނަ އެއް ގައުމެވެ.

މިފަހަރު ހޯދާފައިވާ ޖަވާހިރު ވިއްކާނެ އަގެއް ހާމަ ކޮށްފައެއް ނުވެއެވެ.