މިސްރުގެ ސިޓީއެއް ކަމަށްވާ އިސްމައިލިއާގެ މަގެއްގެ މަތީގައި ބަހައްޓާފައި ހުރި ބުދެއް ފެނިގެން އެތައް ބަޔަކު ބިރުގަނެއްޖެއެވެ.

އެއްބަޔަކު ސިފަކޮށްފައިވާ ގޮތުގައި، އެއީ "ޖިންނި ބުދެ"ކެވެ.

އެ ބުދު އާއްމުންނަށް ފެންނަން ފެށީ އިއްޔެއެވެ. މިއާއެކު އެތައް ބަޔަކު ވަނީ ޝަކުވާކޮށް ފޮޓޯތައް މީސް މީޑިއާގައި އާއްމު ކުރަން ފަށައިފައެވެ.

މިގޮތަށް މީސް މީޑިއާގައި ފޮޓޯ އާއްމު ކުރި ފަރާތްތަކުން ބުނަނީ، އެ ބުދާ ހެދި އެ މީހުން ބިރުގަންނަ ކަމަށާއި، ހާއްސަކޮށް ދަރިން ވަރަށް ބޮޑަށް ބިރުގަނެފައިވާ ކަމަށެވެ.

އެ ބުދު ހަދާފައި ވަނީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ބުދު އެތަނުގައި ބެހެއްޓީ ކާކުކަންވެސް ނޭނގޭ ކަމަށް ވެއެވެ. އެ ބުދު ޑިޒައިން ކުރި ބައެއްވެސް ނޭނގޭ ކަމަށް ވެއެވެ.

އިސްމައިލިއާގެ ޑެޕިޔުޓީ މޭޔަރު އިބްރާހިމް މައްތަރް ވިދާޅުވި ގޮތުގައި، މިހާރު އެ ބުދު އެތަނުން ވަނީ ނަގައިފައެވެ. އަދި އެކަން ކޮށްފައި ވަނީ މުނިސްޕަލްޓީ ވޭސްޓް ކަލެކްޝަން ވެހިކަލްގެ އެހީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިރުވެރިގޮތަށް ހުރި ބުދު އެތަނުން ފެނުމުން އެތައް ސެކިއުރިޓީ އޮފިޝަލުން ވަނީ އެކަން ތަހުގީގު ކުރަން ފަށައިފައެވެ.

އަދި ތަހުގީގުން ހާމަވެގެން ދިޔަ ގޮތުގައި، އެ ބުދު އެތަނުގައި ބަހައްޓާފައި ވަނީ ދާދި ފަހުން ފިހާރައެއް ކުއްޔަށް ނަގައި، އެތަނުން ހަދިޔާ ވިއްކަން ތައްޔާރުވަމުންދިޔަ މީހެކެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ، އެއީ ވަކަރުން ހަދާފައިވާ އެއްޗެއް ކަމަށާއި، އޭގެ ވަށާ ޖަހާފައި ހުރީ ސިމެންތި އާއި ފޮތިކަމަށެވެ. އަދި އެއީ ފިހާރަ ތެރޭގައި ބަހައްޓަން ހެދި އެއްޗެއްކަމަށްވެސް އޭނާ ފުލުހުންނަށް މައުލޫމާތު ދެމުން ބުންޏެވެ.

"އެ ފިހާރައިގެ ވެރިޔާ ބުނީ، އެއީ އެތަނުން ވިއްކާ ހަދިޔާ އާއި އެންޓިކިއުސް ފަދަ އެއްޗެހި ޕްރޮމޯޓް ކުރުމަށް ހެދި މޮޅު އެއްޗެއްކަމަށް. އެ ބުދު ބަހައްޓާފައި ވަނީ ފިހާރައިގެ ބޭރުގައި، އަހަރެން އުޅުނީ އޭތި އަނެއް ދުވަހުގެ ހެނދުނު ފިހާރަ ތެރޭގައި ބަހައްޓަން". އޭނާ ބުނެފައި ވެއެވެ.