ދިވެހި ފިލްމުތަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ މަރިޔަމް އައްޒަ (އައްޒަ) ހޯސްޓް ކޮށްދޭ، އަޒޯނާ ޓޯކް ޝޯ އިން ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ) އެތައް ދުވަހަކަށް ފަހު ފެނިގެން ދިޔައިރު، މި ޝޯގައި ހައްޖަ ވަނީ ކުޑައިރުގެ ބައެއް ވާހަކަތައް ހިއްސާ ކޮށްފައެވެ.

އަޒޯނާ ޓޯކް ޝޯގައި ވާހަކަ ދައްކަމުން ހައްޖަ ވަނީ ކުޑައިރުގެ ދިރިއުޅުން ކުރު ގޮތަކަށް ކިޔައިދީފައެވެ. އޭނާ ބުނީ ކުޑައިރުން ފެށިގެން އުޅެމުން އައީ މާމަ އާއި ކާފަ ކައިރީގައި ކަމަށެވެ. އަދި އޭރު މަންމަ އާއި ބައްޕަ ނުފެންނަ ކަމަށް ބުންޏެވެ. މައިންބަފައިންނާ ގުޅުން ކެނޑުނީ ކީއްވެ ކަމެއް ހައްޖަ މި ޝޯގައި ކިޔައިދީފައެއް ނުވެއެވެ.

މަންމަ ފެނުން ހުރީ ހައްޖަގެ އުމުރުން ހަތް އަހަރުވެފައެވެ. އެ ދުވަހު މަންމަ ފެނުނު ވަގުތު ހިނގައި ދިޔަ ކަންކަން އިއްޔެ ހިނގި ކަމެކޭ އެއްގޮތަށް ހަނދާން ހުންނަ ކަމަށް ބުނަމުން ހައްޖަ ވަނީ އެ ސަފްހާއަށް އަލިއަޅުވާލައި ބެލުންތެރިންނާ އެވާހަކަ ހިއްސާ ކޮށްފައެވެ.

"މާމަ ބުނެގެން ކޮންމެސް ކަމެއް ކުރަން ހުއްޓަ ބޮޑުބޭބެ ވަރަށް ރީތި އަންހެނެއް ދައްކާފަ އެހި ކާކުހޭ އެ އަންނަނީ. ދެން ވަރަށް ދޮން، ރީތި، އިސްތަށިގަނޑު ވެސް ކުރު ކުރުކޮށް ކޮށާލައިފައި، އެ ވަރަށް ފެޝަން. ދެން ބުނެފިން ނޭނގެއޭ، ކާކުހޭ އެއީ. ބުނީމަ ބުނެފި އެއީ ހައްޖަ މަންމައޭ" ހައްޖަގެ ހަނދާނުގައި މަންމަ ފެނުނު ފުރަތަމަ ދުވަހުގެ ގޮތުގައި ރައްކާ ކުރެވިފައިވާ ދުވަހު ކަންތައް ވެގެން ދިޔަގޮތް ކިޔައިދެމުން ބުނެފައިވެއެވެ.

ހައްޖަ ބުނީ ޒަވާޖީ ހަޔާތެއް ފަށައިގެން މަންމަ ދިރިއުޅެމުން އައީ މާލޭގައި ކަމަށެވެ. ދުރުގައި އުޅުނު ކަމުގައި ވިޔަސް އަބަދުވެސް މަންމަ އާއި ގުޅުން އޮންނަ ކަމަށް ހައްޖަ ބުނެފައިވެއެވެ.

އަޒޯނާ ޓޯކް ޝޯގެ ތެރެއިން

 

އޭރު ބައްޕަ ވެސް ފެނިފައިނުވާކަން ހައްޖަ ފާހަގަކުރިއެވެ. ބައްޕަ ހުންނަ ގޮތެއް ވެސް އޭރު ނޭނގޭ ކަމަށް ބުންޏެވެ. އެންމެ ފުރަތަމަ ހައްޖައަށް ބައްޕަ ފެނުނީ ދެބެންގެ ދެދަރި ކުދިން ތަކަކާއެކު މަގުމަތީގައި ކުޅިވަރެއް ކުޅެން އުޅެނިކޮށެވެ. ބައްޕަކަން އެނގުނީ ފަސް ދީފައި ދިޔަ ފަހުން ކަމަށް ބުނެއެވެ.

"ބައްޕަގެ މޫނަށް ބަލައެއްވެސް ނުލަން. އިސް ޖަހައިގެން ހުންނަނީ. ފާޑެއްގެ އެހެން ކަހަލަ ގޮތެއް ވަނީ. ފިނިވެފަ، ނުކެރޭ ދެން ބަލާލާކަށް ވެސް. ދެން ވެދާނެ ކުޑައިރު ދުުރުގަ ނުފެނި ހުރީމަ މޫނު ހަމަކުރަން ބޭނުން ނުވަނީ ކަމަށްވެސް" ހައްޖަ ކިޔައި ދިނެވެ.

އެ ދުވަހަށް ފަހު ދެން ހައްޖައަށް ބައްޕަ ފެނުނީ އުމުރުން 23 އަހަރު ވެފައި ހުއްޓައި ހުވަދު އަތޮޅަށް ކުރި ދަތުރެއްގައެވެ. އެ ދަތުުރުގައި ކާން ދިޔަ ގެޔަކުން ބައްޕަ ފެނުުމުން ފާހަގަކުރަން ނޭނގުން ކަމަށާއި، މީހަކު އެއީ ހައްޖަ ބައްޕަކަން ބުނެދިނުމުން ފާހާނާއަކަށް ދާންވެއްޖެ ކަމަށް ބުނެ ފިލި ކަމަށް އޭނާ ކިޔައި ދިނެވެ.

މީގެ ކުރިން ގުޅުން ނެތް ކަމުގައި ވިޔަސް، މިހާރު ބައްޕަ އާއި ހައްޖަގެ ގުޅުން ވަރުގަދަ ވެފައިވާކަމަށް އޭނާ ބުންޏެވެ. އެ ބަދަލު އައިސްފައިވަނީ ހައްޖައަށް ދެވަނަ ކުއްޖާ ލިބުން ފަހުން ގދ. ނަދޫއަށް ގޮސް އެރަށުގައި އުޅެނިކޮށެވެ.