އިންސްޓަގްރަމް އެޕްލިކޭޝަނުގައި އައު ސެކްޝަނެއް ހަދައި، މިހާރު ލެވޭ އެއް މިނެޓުގެ ވީޑިއޯގެ ބަދަލުގައި، 10 މިނެޓުގެ ވީޑިއޯ އަޕްލޯޑުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ފޭސްބުކުގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ އިންސްޓަގްރަމްގެ ޗީފް އެގްޒެކެޓިވް، ކެވިން ސިސްޓްރަމް، މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސެން ފްެރެސިސްކޯގައި ކުރިއަށް ދިޔަ ފޯރަމެއްގެ ތެރެއިންނެވެ.

މި ފޯރަމުގައި ވާހަކަ ދައްކަމުން ކެވިން ބުނެފައިވަނީ، މި ވީޑިއޯތައް ލެވޭ ސެކްޝަން ހަދަނީ ވަކިންކަމަށާއި، މިއީ މިހާރު ފެންނަ އާއްމު ބައިގެ ތެރެއަށް ވީޑިއޯ ލާ އުސޫލުން ކުރިއަށް ގެންދާ ކަމެއް ނޫންކަމަށެވެ. އަދި، އަލަށް އުފައްދާ ސެކްޝަނަށް ދޭން ހަމަޖެހިފައިވާ ނަމަކީ "އައިޖީޓީވީ" ކަމަށްވެސް، އޭނާ ބުނެފައިވެއެވެ.

"އޭޕީ" އަށް ދިން ބަސްދީގަތުމެއްގައި، ކެވިން އިތުރަށް ބުނެފައިވަނީ އައިޖީޓީވީ އަށް 10 މިނެޓުގެ ވީޑިއޯ އަޕްލޯޑުކުރެވުނު ކަމުގައި ވިޔަސް، އިންސްޓަގްރަމްގައި ފޮލޯވަރުން ތިބި އަދަދަށް ބެލުމަށްފަހު، ގިނަ ފޮލޯވަރުން ތިބި މީހުންނަށް ގަޑިއިރުގެ ދިގު ވީޑިއޯވެސް ލެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށެވެ.

ގިނަ ރިޕޯޓުތައް ބުނާގޮތުގައި އިންސްޓަގްރަމް އިން މި ޚިދުމަތް ތަޢާރަފްކޮށްފައިވަނީ ގޫގުލްގެ ޔޫޓިއުބާ ވާދަކުރުމުގެ ގޮތުންނެވެ. އަދި، މިއީ ފޭސްބުކަށް ވަންނަ މީހުންގެ އަދަދު، އެތައް ގުނައެއް މަދުވަމުން ދިޔުމުގެ ސަބަބުންނާއި، ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިން އަލަށް ފޭސްބުކަށް ނުވަންނާތީ ކުރިކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އިންސްޓަގްރަމް އިން ސްޓޯރީގެ ޚިދުމަތްވެސް ފަށާފައިވާއިރު، އެއީވެސް އެކުންފުނިން އަލަށް ތަޢާރަފްކުރި ޚިދުމަތެއް ނޫނެވެ. އެހެންނަމަވެސް، އެ އެޕްލިކޭޝަނަކީ ގިނަ ބަޔަކު ބޭނުންކުރަމުންދާ، ކޮލިޓީ އެޕްލިކޭޝަނެއްކަންވެސް ފާހަގަކޮށްލެވެއެވެ.