މައިދަައިތަ ރުއްސުމަކީ ގިނަ މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ. އެންމެ ކުޅަދާނަ މީހުންނަށް ވެސް މައިދައިތަ ރުހޭ ގޮތަށް ހުރިހާ ކަމެއް ކުރުމަކީ ކުރެވޭ ކަމެއް ނޫނެވެ. ބައެއް ފަހަރު މައިދައިތަ ރުއްސުމަކީ ވަރަށް އުނދަގުލުން ނޫނީ ނުކުރެވޭ ކަމެކެވެ. އަދި އާދައިގެ ކުދި ކުދި ކަންކަމާ ވެސް ދެބަސްވެ މައިދަތަ އާ މެދު ނުރުހުން ވުމަކީ އާ ކަމެއް ނޫނެވެ. މިހެން ބުނި ނަމަވެސް ވަރަށް ގުޅިގެން އެއް އާއިލާއެއްގެ ގޮތުގައި ލޯތްބާއެކު އުޅޭ މީހުންވެސް މަދެއް ނޫނެވެ.

ދާދިފަހުން މީސްމީޑިއާގައި ރެޑިޓްގައި އަންހެނަކު ފާޅުކުރި ޝުއޫރުތަކަށް މިވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. އޭނާ އާއި އޭނާގެ މައިދައިތަ އާ މައްސަލަ ޖެހެނީ އަބަދު ކޮފީ ގަންނަން ކިޔާ ވަރުން ކަމަށް އޭނާ ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

އިހަކަށް ދުވަހު އާއިލާ އެއްކޮށް ކުރި ދަތުރެއްގައި ވެސް އިރުއިރުކޮޅާ ކޮފީ ގަންނަން ދާން ޖެހުމުން ދަތުރު ދިގުލައިގެން އުނދަގޫވި ކަމަށް އެ އަންހެން މީހާ ބުންޏެވެ. ވަރަށް ކައިރި ކައިރީގައި ކޮފީ ޝޮޕްތަކަށް މަޑު ކުރަން ޖެހުމުން އެތައް ވަގުތުތަކެއް ބޭކާރުވާ ކަމަށް ވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

އެ އަންހެން މީހާ ބުނިގޮތުން މައްސަލަ ހޫނުވެ ޒުވާބަކަށް ބަދަލުވީ ދަތުރުގެ މަންޒިލަށް ދެވި ނިދަން ތައްޔާރުވެފައި ވަނިކޮށް އަނެއްކާ ކޮފީ ގަންްނަންދާން މައިދައިތަ އެދުނު ހިސާބުންނެވެ. އެ ގަޑީގައި ކޮފީ ގަންނަން ދާން އެދުމުން އެ ގަޑީގައި ކޮފީ ގަންނަން ނުދާނެ ކަމަށާއި ހެނދުނު ކޮފީ ގަނެދޭނެ ކަމަށް ބުނެފައިވާނެ ކަމަށް އެ އަންހެން މީހާ ބުންޏެވެ.

އެ ހިސާބުން މައިދައިތަ ބޮޑާހާކާ އޭނާ އާ ދިމާ އަށް އެއްޗެހި ކިޔަން ފެށި ކަމަށް އެ އަންހެން މީހާ ބުނެއެވެ. މީސްމީޑިއާ އަށް އެ އަންހެން މީހާގެ އިހުސާސްތައް ބަންޑުންކޮށްލި ހިސާބަކީ އެއީއެވެ. ރެޑިޓް އަށް މި ޕޯސްޓް ކުރުމާއި އެކު އާއްމުންގެ މީހުން ވަނީ މައިދައިތަ އާއި ޕޯސްޓް ކުރި އަންހެން މީހާ އާއި ދެ މީހުންނަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. ބައެއް މީހުން ވަނީ މައިދައިތަ އަށް ހިދުމަތް ކުރުމަކީ މާބޮޑު މައްސަލައަކަށް ނުހެދުމަށް ނަސޭހަތްދީ އެ އަންހެން މީހާ ކަންތައް ފަލަ ކުރާ ކަމަށް ބުނެފައެވެ.

އެހެން ބައެއް މީހުން ވަނީ ބޮޑު މީހަކަށް އަބަދު ކޮފީ ގަނެދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އަދި އެ ހުރިހާ ކަމެއް ހިނގި އިރު ފިރިމީހާ ނެތްކަން އަންހެން މީހާގެ ޕޯސްޓުން އެނގެއެވެ. ނަމަވެސް އާއްމުން ވަނީ މައިދައިތަ އަށް އަބަދު ކޮފީ ގަނެދިނުމަކީ އެ އަންހެން މީހާގެ ޒިންމާ އެއް ނޫން ކަމަށް ބުނެފައެވެ. ބައެއް ފަހަރު ދުވާލެއްގެ މައްޗަށް ހަ ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މައިދައިތަ އަށް ކޮފީ ގަނެދޭން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ އަންހެން މީހާގެ ޕޯސްޓުގައި އޭނާގެ ނަމެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު