މީގެ ދުވަސްކޮޅެއް ކުރިން ޖެލްގެ ބަދަލުގައި ބޮލުގައި ތެރަސް އުނގުޅި އަންހެނަކު ވަނީ ދަ ގޮރިއްލާ ގްލޫ ގާރލްގެ ނަމުން މީސްމީޑިއާގައި މަޝްހޫރުވެފައެވެ. އިސްތަށިގަނޑު އޮމާންކޮށް ބަހައްޓަން ބޮލުގައި ތެރަސް އުނގުޅުމުން އިސްތަށިގަނޑު ހަރުވެ އެންމެފަހުން އެ ތެރަސް ނައްޓަން ޖެހުނީ އަގުބޮޑު ސަރޖަރީ އެއްކޮށްގެންނެވެ. އެ އަންހެން މީހާ އަށް މީސްމީޑިއާގައި ބޮޑު ސަމާލުކަމެއް ލިބުނެވެ. އެހެންނަމަވެސް ގިނަ ބަޔަކު އެއްބަސްވީ ކަމަކީ އެކަހަލަ ވަރުގަދަ ތެރަހެއް ބޮލުގައި ހޭކުމަކީ ވަރަށް މޮޔަ ކަމެއް ކަމެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް މިއޮތީ ހަމައެކަހަލަ ވާހަކައެކެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ 35 އަހަރުގެ އަންހެެނެއްގެ ލޮލަށް އަޅާ ބޭހެއް ކަމަށް ހީކޮށް ތެރަސް ލޮލަށް އެޅި އަނދިރި ނުވީ ހަމަކިރިޔާއެވެ. މިފަހަރު ކަންވީ ގޮތަށް ބަލާ ނަމަ އޭނާ އަށް ލޮލަށް ތެރަސް އެޅުނީ އޮޅިގެންނެވެ. އެއީ ބޭހެއް ކަމަށް ހީކޮށެވެ. އޭނާގެ ލޮލަށް އެޅިފައި ވަނީ ނިޔަފަތި ތަތްކުރަން ބޭނުންކުރާ ޒާތުގެ ތެރަހެކެވެ. އެ ތެރަސް އެޅުމުން ލޯ ތަތްލަވާ ލޮލުގެ ފެނުމަށް އަސަރު ނުކޮށް ހުރީ ހަމަ ކިރިޔާއެވެ.

ކޭޓީ ނަމަކަށް ކިޔާ އެ އަންހެން މީހާ އަށް ތެރަސް އެޅުނީ އޭނާގެ ކަނާތު ލޮލަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ބުނީ ތެރަސް އެޅުމާއި އެކު ލޮލަށް އުނދަނގޫވާން ފެށި ކަމަށެވެ. އަދި ލޮލަށް ބޭސް އަޅަން އުޅުނީ ލޯ ހިރުވާތީ ކަމަށް ވެސް އޭނާ ބުންޏެވެ. އެންމެ ފުރަތަމަ ލޮލަށް ތެރަސް އެޅުމުން ތަދުވާން ފެށުމުން އޭނާ އަނެއްކާވެސް އެއިން އެތިކޮޅެއް ލޮލަށް އެޅި ކަމަށާއި ލޮލަށް އެޅުނީ ބޭސް ނޫންކަން އެނގުނީ ދިލަ ނަގާވަރުން ކެތް ނުވެެގެން ރަނގަޅަށް އެއީ ކޮންއެއްޗެތޯ ބެލުމުން ކަަމަށް އޭނާ ވަނީ މީޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައެވެ.

ލޮލަށް ވަރަށް ބޮޑަށް ތަދުވާން ފެށުމުން ފުޅި ބަލާލި ކަމަށާއި ލޮލަށް އެޅުނީ ތެރަސްކަން އެނގުނީ އެހާ ހިސާބުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ހިސާބުން ވަގުތުން ޑޮކްޓަރަށް ދެއްކި ކަމަށް އޭނާ ބުންޏެވެ. އަދި ލަސްވި ނަމަ ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް އަންހެން މީހާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު