އާއްމުކޮށް ކަންބޮޑުވެ ހާސްވުން ނުވަތަ ސްޓްރެސްވުމަކީ އެހާ ސީރިއަސްކަމެއްގެ ގޮތުގައި ނުބެލެވެއެވެ. ހީވެފައި އޮންނަނީ އެއީ ވަރަށް އާދައިގެ ކުޑަ ކަމެއް ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއީ އެއް ނޫނެވެ. ދަ ގާޑިއަން ނޫހުގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން މާބޮޑަށް ކަންބޮޑުވެ ހާސްވުމަކީ "ބްރޯކެން ހާޓް ސިންޑްރޯމް" އަށް މަގުފަހިވާ ކަމެކެވެ.

މި ހާލަަތަކީ ހިތް ހަލާކުވެ، ވަރަށް ބޮޑަށް ދެރަވުމަށް މަގުފަހިވާ ކަމެކެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ސެޓްރެސް ލެވެލް އާއިި ގުޅޭ ދެ މޮލެކިއުލްއަކުން ބްރޯކެން ހަރޓް ސިންޑްރޯމް އަށް މަގުފަހިކުރުވާ ކަމަށެވެ. އަދި އާއްމުކޮށް މިހާލަތު ދިމާވަނީ އަންހެނުންނަށް ކަމަށް ވެސް އެ ދިރާސާގައިވެއެވެ.

އެހެންނަމަވެސް ގާތް މީހަކު މަރުވުން ނުވަތަ ލޯބިވާ މީހަކާއި ދުރުވުމުން ވެސް މި ހާލަތު ދިމާވެދާނެ ކަމަށް އެ ލިޔުމުގައި ވަނީ ބުނެފައެވެ. މި ހާލަތު މެދުވެރިވުމުން ހިތް ބަލިކަށިވާ ގޮތްވެެއެވެ. މި ސިންޑްރޯމް އާއި ބެހޭ މައުލޫމާތު ފުރަތަމަ ހޯދާފައި ވަނީ 1990 ވަނަ އަަހަރު ޖަޕާނުގައެވެ.

މި ހާލަތު ދިމާވުމުން ހާޓް އެޓޭކަކާއި އެއްގޮތް އަލާމާތްތައް ފެނެއެވެ. އެހެންކަމުން ބައެއް ފަހަރު މި ސިންޑްރޯމް މެދުވެރިވުމުން ހާޓްއެޓޭކެއް ޖެހުނީ ކަމަށް ބެލެވޭ ފަހަރުވެސް މަދެއް ނޫނެވެ. އިނގިރޭސިވިލާތުގައި އެކަނިވެސް މިހާލަތު ދިމާވި 2،500 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

މި ހާލަތު ދިމާވުމުން މެދުވެރިވާ ނުރައްކާތަކަކީ ވެސް ހިތުގެ ބައްޔާއި ދާދި އެއްގޮތް ކަންކަމެވެ. މި ހާލަތު މެދުވެރިވުމުން ހިތުގެ ތިރީ ބައި ހިނގުން ހުއްޓި ހިތުގެ މަތީ ބަޔަށް ބާރުބޮޑުވާ ކަމަށް މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ.ލިޔަމް ކައުޗް ފާހަގަކުރައްވައެވެ. އަދި މި ހާލަތަކީ ބޮޑެތި ކާރިސާތަކާއި އުފާވެރި ކަންކަމުން ވެސް މެދުވެރިވެދާނެ ހާލަތެއް ކަމަށް ޑރ.ލިޔަމް ވިދާޅުވެއެވެ.

އަދި މެދު ނުކެނޑި ކަންބޮޑުވުމާއި ހާސްކަމުގައި އުޅޭ ނަމަ މި ހާލަތު މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ދިރާސާގައި ވެއެވެ. އެހެންކަމުން ކަންބޮޑުވާ ކަންކަމާއި މާހައުލުތަކާއި ދުރުވުން މުހިންމު ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.