އެކި ކަންކަން ކުރުމުގައި ކޮރަޕްޝަން ހުރި މިންވަރު، އާއްމުންނަށް އަންގައިދިން މީހަކު މަރާލައިފިއެވެ. މަރާލާފައިވަނީ އުމުރުން 60 އަހަރުގެ ރަންޖެންދުރަ ސިންގު އެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފަޅާ އަރުވާލައި، އެތައް ބަޔަކު ފަޟީހަތް ކޮށްފައިވާ ރަޖެންދުރަ މަރާލާފައި އޮއްވާ ފެނުނީ، އޭނާ ނިސްވަތްވާ ރާޖްޕޫރުގެ މަތުނަންވާރީ ޗޯކު އަވަށުގައެވެ. އޭނާ ފެނުނުއިރު، އޭނާ އޮތީ ލޭގެ ކޯރެއްގައިކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.

ރަޖެންދުރަ ފަޅާ އަރުވާލާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރޭގައި ސްކޫލުތަކަށް ޓީޗަރުން ނެގުމާއި ފުލުހުންގެ ވަޒީފާއަށް މީހުންގެ ނެގުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކަކާއި އިންޝުއަރެންސް ކުންފުންޏަކުން ހިންގާފައިވާ ކޮރަޕްޝަނުގެ ޢަމަލެއް ހިމެނެއެވެ.

ފުލުހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ މި ހަފްތާގެ ދުވަހެއްގައި، އޭނާ ގެއަށް ދިޔަ މަގުމަތީގައިކަމަށެވެ. އަދި، އޭނާ ގެއަށް ގޮސްފައިވަނީ ސައިކަލެއްގައިކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި 12 މީހުންގެ ތެރެއިން ފަސް މީހެއްގެ ނަން ހާމަކޮށށްފައިވާއިރު، ދެން ހައްޔަރުކުރި ހަތް މީހުންގެ ނަމެއް ނޭނގެއެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް، ރަޖެންދުރަފަދަ ވިޝްލް ބްލޯވަރުންނަށް މިފަދަ ކަންކަން ދިމާވެފައިވެއެވެ.